ޑޮލަރުގެ އަގު ކަޅު ބާޒާރުގައި އަދި ވެސް ހުރީ މަތީގައި / ފޭސްބުކް
ވިޔަފާރި
ރިސޯޓުތަކުން 50 މިލިއަން ޑޮލަރު ސަރުކާރަށް މާރުކޮށްދީފީ، ޑޮލަރު އަގުހުރީ 19:20 ގައި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 ފެބްރުއަރީ 2025
މާލެ ސިޓީ

ރާއްޖެއަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން މަޖުބޫރުވާގޮތަށް އެކުލަވާލަވާލި ބޭރު ފައިސާއާ ބެހޭ ގަވައިދުގެ ދަށުން 50 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށާއި އެއާއެކު ރިޒާވް މަތިވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނެފި އެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި މިދިޔަ މަސް ނިމުނުއިރު, ރަސްމީ ރިޒާވުގައި 708.1 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރި މިންވަރާ ބަލާއިރު ފަސް ޕަސެންޓުގެ އިތުރުވުމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އަދި މީގެ މައިގަނޑު ސަބަބަކީ މިިދިޔަ މަހު ރިޒާވުން ހަރަދު ކުރި މިންވަރަށް ވުރެ ލިބިފައިވާ އަދަދު އިތުރުވުން ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެ އެވެ.

ޑޮލަރު ރިޒާވު އިތުރުވީ ސަބަބުތަކުގެ ތެރޭގައި މިދިޔަ މަހު ޓެކުހާއި ފީގެ ގޮތުގައި ސަރުކާރަށް ލިބިފައިވާ ބޭރުފައިސާގެ މިންވަރު ވަނީ ނިމުނު ޑިސެމްބަރަށް ވުރެ 12 ޕަސެންޓު އިތުރުވުމާއި ބޭރު ފައިސާ ގަވާއިދުގެ ދަށުން އެމްއެމްއޭއަށް ލިބުނު ފައިސާ އިތުރުވުން ހިމެނެ އެވެ.

އެމްއެމްއޭއިން ބުނީ, ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބޭންކުތަކަށް 50 މިލިއަން ޑޮލަރަށް ވުރެ އިތުރަށް މާރުކުރިއިރު, 90 ޕަސެންޓު ރިސޯޓުތަކުން ގަވާއިދަށް ބޯލަނބަމުންދާ ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން މިދިޔަ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް ލިބޭ އިހުތިޔާރަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމެވެ.

"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.

އެމްއެމްއޭ ކުރިން ލަފާކޮށްފައިވަނީ، ގަވާއިދަށް އަމަލުކުރަން ފެށި ފުރަތަމަ މަހު، 30 އާއި 40 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް މާރުކުރާނެ ކަމަށެވެ. އެހެންކަމުން، ފުރަތަމަ މަހު ބޭންކުތަކަށް މާރުކޮށްފައިވާ ޑޮލަރުގެ އަދަދު މަރުކަޒީ ބޭންކުން ލަފާކުރި މިންވަރަށް ވުރެ ވެސް އިތުރެވެ.

ރާއްޖޭގެ ރިޒާވް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވާއިރު، މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށްވެ، ދަރަނި ނުދެއްކި ދާނެ ކަމުގެ އިންޒާރު ވެސް ބޭރުގެ މާލީ އިދާރާތަކުން އޮތީ ދީފަ އެވެ. އަދި ރާއްޖެއަށް ވަންނަ ޑޮލަރު، ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ފެށުމުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވެއްޓި ޑޮލަރުގެ އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އަދި ވެސް ބާޒާރުގައި ޑޮލަރު ލިބެން ހުރީ ވަރަށް ބޮޑު އަގުގަ އެވެ.

ސަރުކާރަށް 15 މަސް ވެގެންދާއިރު ރައީސް ޑރ، މުއިއްޒުގެ ރިޔާސީ ވައުދާއި އެއްގޮތަށް ޑޮލަރުގެ އަގު އަދިވެސް ދަށެއް ނުވެ އެވެ، ބާޒާރުގައި ޑޮލަރުން ގަންނަން ލިބެނީ 19.20 އާއި 19.50 ދެމެދުގައި އެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved