

ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ދައުލަތުުން ބުނެ ދޮގު ހެދި ފަހުން ސަހްޔޫނީންގެ 1541 މީހުން ރާއްޖެ އެތެރެވިކަން ހާމަވެއްޖެއެވެ.
އިމިގްރޭޝަނުން މިކަން ހާމަކޮށްފައިވަނީ 13 އޮންލައިނުން ހުށަހެޅި ރައިޓް ޓު އިންފޯމޭޝަން އާެރުޓީއައީ އަކާއި ގުޅިގެންނެވެ.
އެގޮތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި ސަހްޔޫނީންގެ 1435 ފަތުރުވެރިއަކު ސިންގަލް ސިޓިޒަންޝިޕުގައި ރާއްޖެ އެތެރިވިކަމާއި ޑުއަލް ސިޓިޒަންޝިޕްގައި އިތުރު 9 ސަހްޔޫނީ ފަތުރުވެރިއަކު ޒިޔާރަތް ކުރިކަމަށް އިމިގްރޭޝަނުންވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން މި އަހަރު ޖެނުއަރީގެ ނިޔަލަށް 97 ސަހްޔޫނީ ފަތުރުވެރިއަކު ޒިޔާރަތްކޮށްފައިވާކަންވެސް އެ އިދާރާއިންވަނީ ފާހަގަކޮށްފައެވެ.
ދައުލަތުން ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރިކަމަށް ބުނެ ދޮގު ހަދާފައިވަނީ ނިމިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އަދި ދިވެހި ދައުލަތުން އަބަދުވެސް ދެމި އޮންނާނީ ފަލަސްތީނު ރައްޔިތުންނާ އެކު ކަމަށް ބުނާ ބުނުން އަމަލު ނުފެންނަކަން ފާހަގަކޮށްލެވެއެވެ.
ސުޕާ މެޖޯރިޓީ އޮތް ނަމަވެސް މަޖިލީހުގައި ސަހްޔޫނީ ޕާސްޕޯޓު މަނާ ކުރުމާއި ބެހޭ ބިލު ޕާކުކޮށްފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. މަޖިލީހުގެ ފުރަތަމަ ދައުރު ނިމި ޗުއްޓީއަށް ދިޔުމުން ސަހްޔޫނީންގެ ޕާސްޕޯޓް މަނާ ނުކުރެވުނީ ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ބަހަނާ ދެއްކެވިއިރު ދައުރުން ދެ ޖަލްސާ ބާއްވާ ސަރުކާރުން ބޭނުންވާ ކަންކަން އޭރުވެސް ނިންމިއެވެ. ނަމަވެސް ސަހްޔޫނީންގެ ޕާސްޕޯޓުގެ ވާހަކައެއް ނެތެވެ. ސަހްޔޫނީންގެ ޕާސްޕޯޓް މަނާނުކޮށް ލަސްވާތީ، އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ވެސް ބޭރުކޮށްލިކަން ފާހަގަކޮށްލެވެއެވެ.
ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކުރެވޭނެ ކަމަކަށްވާއިރު އެ މަގު ޚިޔާރުނުކުރައްވާ ރައީސް މުއިއްޒު އަލުން އެ މައްސަލަ މަޖިލީހާ ޖާމިނުކުރެއްވީ ވެސް ސަހްޔޫނީންގެ ޕާސްޕޯޓު މަނާނުކުރައްވަން "ދިގު" މަގު ޚިޔާރުކުރައްވަންކަމަށް ގިނަ ބަޔަކު ތުހުމަތުކުރެއެވެ. އަދި ނިމިދިޔަ އަހަރު ޖޫން މަހު ޖެއްސީ ޕަބްލިކް ސްޓަންޓެއްކަމަށް ގިނަ ބަޔަކުދަނީ ތުހުމަތު ކުރަމުންނެވެ.