ޕީއެންސީ ހަރުގެ ހުޅުވުން / ވަގުތު.އެމްވީ
ހަބަރު
ޑީއެންއާރު ވައްކަން: 700އެއްހާ ޝަކުވާ ހުށަހެޅި އިރު %63 އަކީ ޕީއެންސީގެ ފޯމުތައް!
Hussain Nawaf
ހުސައިން ނަވާފް
13 ފެބްރުއަރީ 2025

އިލެކްޝަންސް ކޮމިޝަން އީސީން ޕާޓީތަކުގެ ދަފްތަރު އާންމުކޮށް ޝަކުވާއަށް ހުޅުވާލި މުއްދަތުގައި 700އެއްހާ ޝަކުވާ ހުށަހެޅިކަން ހާމަކޮށްފިއެވެ.

އީސީން މިކަން ހާމަކޮށްފައިވަނީ ދައުރު ނޫހަށް ހިއްސާކުރި ތަފާސްހިސާބުތަކުގައެވެ.

ދައުރުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެގޮތުން ޝަކުވާއަށް ހުޅުވާލި މުއްދަތުގައި ޖުމްލަ 694 ޝަކުވާ އެ ކޮމިޝަނަށް ހުށަހަޅާފައިވާ އިރު  އޭގެ ތެރެއިން 438 ޝަކުވާއާ އެކު އެންމެ ގިނަ އަދަދަކަށް ހުށަހަޅާފައި ވަނީ ވެރިކަން ކުރާ ޕާޓީ ޕީއެންސީއާ ގުޅޭ މައްސަލަތަކެވެ.

އިތުރު ޕާޓީތަކާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ޝަކުވާގެ އަދަދުތަކުގެ ތެރޭގައި:

  • އަދާލަތު ޕާޓީ: 41

  • އެމްޑީއޭ: 41

  • އެމްޓީޑީ: 26

  • އެމްއެންޕީ: 25

  • އެމްޑީޕީ: 17

  • އެމްއާރުއެމް: 8 (ޕާޓީ އުވާލުމާ ހަމައަށް)

  • ޕީއެންއެފް: 7

  • ޕީޕީއެމް: 6 (ޕާޓީ އުވާލުމާ ހަމައަށް)

  • ޑިމޮކްރެޓްސް: 4 ހިމެނެއެވެ.

މި ހިސާބުތަކަކީ ވެރިކަމުގައި އޮތް ޕީއެންސީގެ ސަރުކާރަށް އަހަރު ފުރުނު ދުވަހު 75،000 މެންބަރުން ހަމަކުރުމަށް މިިދިޔަ އަހަރު ފަހުކޮޅު އެ ޕާޓީން ހިންގި މެމްބާޝިޕް ޑްރައިވްގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީއަށް ވަގަށް ވެއްދި ކަމަށް ބުނާ މައްސަލަ ބޮޑުވެ އީސީއިން ޕާޓީތަކުގެ ދަފްތަރު މިދިޔަ މަހު 23ގައި އާންމުކޮށް، އެއްވެސް ޕާޓީއަކަށް ވަގަށް މީހަކު ވައްދާފައިވޭތޯ ބެލުމަށް ޝަކުވާއަށް ހުޅުވާލުމުން ލިބުނު ޝަކުވާތަކުގެ ތެރޭގައި ހިމެނޭ އަދަދެވެ.

ޕާޓީތަކުގެ ދަފްތަރު އާންމުކޮށް ޝަކުވާއަށް ހުޅުވާލި މުއްދަތު މިދިޔަ ހޯމަ ދުވަހަށް ހަމަވި ނަމަވެސް، މީހަކަށް ނޭނގި ޕާޓީއަކަށް ވާއްދާފައި އޮތް ނަމަ، އާންމު އުސޫލުން ކުރިއެކޭ ވެސް އެއްގޮތަށް އެފަދަ ޝަކުވާތައް އީސީއަށް ހުށަހެޅޭނެ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved