

އުސޫލުން ބޭރުން ހުޅުމާލޭން ބިމާއި ފްލެޓު ދޫކުރި މައްސަލައިގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަންއިން ސަސްޕެންޑްކޮށްފައި ހުރި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ)ގެ މަގާމުގައި ހުރި އަބްދުﷲ ފާއިދު މަގާމުން ވަކިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފާއިދު އެމަގާމުން ވަކިކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ޕްރޮބޭޝަން މުއްދަތު ހަމަވެގެން، ޕާފޯމެންސްއަށް ބެލުމަށް ފަހު މަގާމުގައި ބަހައްޓަން ނުފެންނާތީ ކަމަށް ބުނެ ކަމަށްވެއެވެ.
ފައިދު ސަސްޕެންޑް ކުރިއިރުވެސް އޭނާއަކީ ޕްރޮބޭޝަންގައި ހުރި މުވައްޒަފެއްކަމަށްވެސް ވަނީ މައުލުމާތު ލިބިފައެވެ.
އެޗްޑީސީގެ ބޮޑު ވައްކަން ފެންމަތިވުމާ އެކު ފާއިދު ހިމެނޭހެން 15 މުވައްޒަފަކު މިދިޔަ ޑިސެމްބަރު މަސް ތެރޭ މަގާމުން ވަކިކުރަން ނިންމި ނަމަވެސް ފަހުން އެކަން ކެންސަލްކޮށް އެ ހުރިހާ މުވައްޒަފުން ވެސް ކުރީ ސަސްޕެންޑެވެ.
ސަސްޕެންޝަންގައި ހުރި އެ ކުންފުނީގެ ޗީފް ބިޒްނަސް އޮފިސަރު، އަހުމަދު ޔާމީން ވެސް މި މަހު ކުރީކޮޅު މަގާމުން ވަކިކޮށްފައިވެއެވެ.