

ނ. ހޮޅުދޫގައި ނިޔާވެފައިވާ އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރާ ގުޅިގެން މީޑިޔާ ރިންގް ޕްރައިވެޓު ލިމިޓެޑްގެ ދަށުން ހިންގާ "ޗެނަލް 13" އިން ތައްޔާރު ކުރި ޑޮކިއުމަންޓްރީ ރޭ އޮން އެއާރ ކޮށްފިއެވެ.
މިކަމާ ގުޅިގެން "ތޭރަ އޮންލައިން"އަށް މައުލޫމާތު ހިއްސާކުރައްވަމުން "ޗެނަލް 13"ގެ ސީއީއޯ އިސްމާއިލް ސޮފްވާން ވިދާޅުވީ، ޒަކިއްޔާގެ މަރާ ގުޅިގެން ޑޮކިއުމަންޓްރީއެއް ގެނެސްދޭން އެ ޓީވީ ސްޓޭޝަނުން ގަސްތުކުރީ ރަށުގެ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެ މަރާ ގުޅިގެން ހުރުމުން ކަމަށާ އަދި އެއީ އަމިއްލައަށް މަރުވުމުގެ ހާދިސާއެއް ކަމަށް ގަބޫލުވެސް ނުކުރެވޭތީއާ އެކު ކަމަށެވެ.
ޑޮކިއުމަންޓްރީގައި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހިމަނާފައިވާއިރު ރަށަށް ދަތުރުކުރި އެ ސްޓޭޝަންގެ ޓީމަށް ފާހގަކުރެވުނު ކަންކަމަށްވެސް އަލި އަޅުވާލާފައިވާނެ ކަމަށްވެސް ސޮފްވާން މައުލޫމާތު ދެއްވާފައިވެއެވެ.
"ޒަކިއްޔާ/ވީ ކިހިނެއް" ޑޮކިއުމަންޓްރީ އޮން އެއާރ ކޮށްފައިވަނީ 14 ފެބްރުއަރީ 2025 ވި ހުކުރު ދުވަހުގެ ރޭގައެވެ.
"ޒަކިއްޔާ/ވީ ކިހިނެއް" ޑޮކިއުމެންޓްރީ މިހާރު ޗެނަލް13 ފޭސްބުކް މެދުވެރިކޮށް ބަލާލެވޭނެކަންވެސް ދަންނަވާލަމެވެ.