ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް ތާވަލް ނުކުރާތާ އަންގާރަ ދުވަހަށް 1 މަހާ 20 ދުވަސްވެއްޖެއެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފް މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުންވެސް ބާއްވާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުގައި ކަން ފާހަގަކޮށްލެވެއެވެ.
އިންސާފު ފޯރުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ގާނޫނޫ އަސާސީ ބުނާ ގޮތްކަމަށާއި ވީއެންމެ އަވަހަކަށް ރައީސް ޔާމީންގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުމުގެ އަޑުއެހުން ތާވަލްކޮށްދިނުމަށް ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މަލީހް ޖަމާލް ވަނީ ރާއްޖޭގެ ކޯޓުތަކަށް ގޮވާލާފައެވެ.
ރައީސް ޔާމީންގެ މައްސަލަ ތާވަލްނުކުރެވި ލަސްވަމުންދާތީވެ އެކަމާ ކަންބޮޑުވުން ފާޅުކޮށް ޕީއެންއެފްގެ އިސްފަރާތްތަކުން ވަނީ ހައި ކޯޓަށް އާދިއްތަ ދުވަހު ގޮސްފައެވެ.
ކަންބޮޑުވުންތަކާއެކު ހައި ކޯޓަށް ވަޑައިގެން މައްސަލައިގެ އަޑުއެހުން ލަސްވާ ސަބަބު އެއްސެވުމުން ހައި ކޯޓުން ބުނެފައިވަނީ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ 3 ފަނޑިޔާރުންގެ ތެރެއިން 2 ފަނޑިޔާރަކު ޗުއްޓީގައި ހުންނެވިކަމަށެވެ.
އެހެންނަމަވެސް ހޯމަ ދުވަހު އެނބުރި ފަނޑިޔާރުން ކޯޓަށް ވަޑައިގެންނަވާނެކަމަށްވެސް ހައި ކޯޓުން މައުލޫމާތު ދިނުމާއި ގުޅިގެން ރައީސް ޔާމީނަށް ތާއިދުކުރައްވާ ފަރާތްތަކުން އަންނަނީ އަޑުއެހުން ވީއެންމެ އަވަހަކަށް ތާވަލްކުރެވިގެންދާނެކަަމުގެ އުންމީދުގައެވެ.
ރައީސް ޔާމީންގެ ތަރައްގީ ވިއްކައިގެން ވެރިކަމަށް އައި ސަރުކާރަކުން އެމަނިކުފާނުގެ މައްސަލައަށް ނުފޫޒުފޯރުވަމުންދާތީވެ ގިނަ ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރުގެ އިސް ފަނޑިއަށް އަންނަނީ އަމާޒުވަމުންނެވެ.