

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީއަށް ޕީއެންސީން ގެނައި އިސްލާހުތައް ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާއަށް ތާވަލްކޮށްފިއެވެ.
ސުޕްރީމް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުން އޮންނާނީ މާދަމާ ހެނދުނު 11:00ގައެވެ. މި މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ގާނޫނީ ވަކީލު އަލްއުސްތާޛު އަލީ ހުސައިންއެވެ. މިމައްސަލައަށް އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮކްރެޓްސް ވަނީ ތަދައްޚުލްވުމަށް ހުށަހަޅާފައެވެ.
އަލީ ހުސައިން މި މައްސަލަ ކޯޓަށް ހުށަހެޅުއްވީ މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ހަވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށްވާތީ ކަމަށް ކުރިން އޭނާ ހާމަކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހާއި އަދިވެސް އިތުރު ބައެއް އިސްލާހުތައް ހިމެނޭ ބިލް މަޖިލީހުން ފާސްކުރީ އެންމެ ހަ ގަޑިއިރު ތެރޭގައެވެ. އެ އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެރޭ ތަސްދީގު ކުރައްވާފައެވެ.
ގިނަ ބަޔަކު ދެކޭ ގޮތުގައި ސަރުކާރު ޕާޓީއަށް ނިސްބަތްވާ މެމްބަރުން މިހާރު ތިއްބެވީ ގޮނޑިއާލާ ބަނދެ ދޫވެސް ބަންދުކުރުވާފައި ކަމަށެވެ.