އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ދެ މީހަކަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ބަލަނީ / ސޯޝަލް މީޑިއާ
ހަބަރު
އިތުބާރު ކުރެވޭ މަގާމެއްގައި ހުރި ދެ މީހަކަށް ތުހުމަތުކުރެވޭ ޖިންސީ ގޯނާގެ މައްސަލައެއް ބަލަނީ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
16 ފެބްރުއަރީ 2025
މާލެ ސިޓީ

އިތުބާރުކުރެވޭ މަގާމެއްގައި ތިބި ދެ މީހަކު 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ގިނަ ދުވަސްތަކެއް ވަންދެން ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅުމުން ތަހުގީގުކުރަން ފަށައިފި އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ނ، ރ، ބ، ޅ. އަތޮޅުގެ ތެރެއިން އަތޮޅެއްގެ ރަށެއްގައި އިތުބާރު ކުރެވޭ ފަދަ މަގާމެއްގައި ތިބި ދެ މީހަކު ވޭތުވެދިޔަ ތިން އަހަރު، އުމުރުން 18 އަހަރު ނުވާ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ރިޕޯޓު ކޮށްފައި ވާކަމަށެވެ.

މި މައްސަލަ ރިޕޯޓުކޮށްފައި ވަނީ، މިއަހަރުގެ ޖަނަވަރީ 20ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައި ވެއެވެ. މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ފުލުހުން ބުނީ މިއީ، ކުޑަ ކުއްޖަކު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ ރަށާއި އަތޮޅު ހާމަ ނުކުރީކަމަށެވެ. އަދި މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުން ދާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަމަކު އަދި އެ މައްސަލަައިގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަކުދިންނާ ގުޅުން ހުރި މި ފަދަ މައްސަލަތަކުގައި، އަނިޔާ ލިބުނު ކުދިން އެނގިދާނެ ފަދަ އެއްވެސް މައުލޫމާތެއް ހާމަކުރުމަކީ ގާނޫނުން މަނާކުރާ ކަމެކެވެ. އެހެންވެ ފުލުހުން ވެސް މިފަދަ މައްސަލަތައް ރިޕޯޓްކުރި ރަށާއި ތުހުމަތުވާ މީހުންނާ ގުޅޭ ގޮތުން ވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް ރާއްޖޭގައި ގިނަކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ 200އަށް ވުރެ ގިނަ މައްސަލަ އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް ހުށަހަޅާފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved