ވައުދެއް ވުމަށް ފަހު އެޔާ ހިލާފް ވުމަކީ މުނާފިގުންގެ އަލާމާތެއް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް ( ޕީއެންއެފް ) ގެ ފަރާތުން ރައްޔިތުން މަޖިލިސް އިންތިހާބުގައި ފަރެސްމާތޮޑާގެ ގޮނޑިއަށް ވާދަކުރެއްވުމުގެ ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ޑރ ނަސްރުﷲ މުސްތަފާ ވިދާޅުވެއްޖެއެވެ.
ޑރ ނަސްރުﷲ މިފަދައިން ވިދާޅުވީ ރައީސް ޔާމީން އަަލަށް އުފައްދަވާ ޕާޓީ ޕީއެންއެފްގެ ފަރާތުން މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދަށްކަވަމުންނެވެ.
ޑރ ނަސްރުﷲ ވިދާޅުވީ ވައުދެއް ވުމަށްފަހު އުޒުރެއް ނެތި އެ ވައުދަކާ ހިލާފް ވެއްޖެ ނަމަ އެކަން ވާނީ މުނާފިގުންގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ އަލާމާތަކަށް ކަަމަށެވެ.
ވައެުދެއް ވެއްޖެ ކަމުގައި ވާނަމަ އުޒުރެއް ނެތި، ހާއްސަގޮތެއްގައި ވައުދަކީ މުސްތަގުބަލަށް ކުރެވޭ ކަމެއް، މުސްތަގު ބަލަށް ކުރުމަށްޓަކައި ވެވޭ ވައުދެއް. އެހެންވިމަ އެއިން ކަމެއް ވައުދެއް ވުމަށް ފަހުގައި އެކަން އެއްވެސް އުޒުރެއް ނެރި ނުކޮށްފި ކަމުގައި ވާނަމަ ހަމަ ޔަގީނުންވެސް އެވާނީ ހަމަ ކަނޑައެޅިގެންވެސް މުނާފިގުންގެ ތެރޭގައި ހިމެނޭ އަލާމާތެއް ކަމަށް.
ޑރ މުއިއްޒު ކެމްޕެއިން ދުވަސްވަރު ރައީސް ޔާމީން މިނިވަން ކުރައްވާނެ ކަމަށް ހުވާކުރެއްވި ނަމަވެސް އަދި އަދަށް ދާންދެންވެސް ރައީސް ޔާމީން މިނިވަން ކުރައްވާފައެއް ނުވެއެވެ. މިކަމާ ގުޅިގެން ގިނަ ރައްޔިތުންވެސް ބުނަމުން ދަނީ ޑރ މުއިއްޒުގެ ކިބައިން ފެނިގެން ދަނީ މުނާފިގުންގެ ސިފަތައް ކަމަށެވެ.