

ގައުމެއްގެ ރައީސަކަށް ހުންނަ މީހަކީ ނިކަން ހަރުދަނާ ނިންމެވުމުންތައް ނިންމަވާ ބުނާ ބަހުގެ އިތުބާރު އޮންނަ މީހަކަށް ވާން ޖެހޭނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިފަދައިން ވިދާޅުވެފައިވަނީ، ސިޓީ ކައުންސިލް މެދުވެރިކޮށް މާލެ ސަރަހައްދަށް މަސްދަޅު ބެހުން ސަރުކާރުން ހުއްޓުވާ ރައްޔިތުންނަށް ޖެއްސި ތަކްލީފުތަކާ މެދު ނުރުހުން ފާޅުކުރައްވާއެވެ.
"ތޭރަ އޮންލައިން" އަށް ދެއްވި އިންޓަވިއުގައިި އާޒިމް ވިދާޅުވީ ވީ ގޮތެއްވެސް އެންގުމަކާ ނުލާ ސަރުކާރުން ވަނީ ސިޓީއެއް ފޮނުވާ ސިޓީ ކައުންސިލުން މަސްދަޅު ދޫކުރުން ހުއްޓުވާ ކަމަށާ ނަމަވެސް އޭރު ރައްޔިތުން ވަނީ މަސްދަޅު ބަލާ އައިސް ގަދަ ހޫނުގައި ކިޔު ދަމާލާފައި ކަމަށެވެ.
ރައްޔިތުންވެސް އެކަމާ ރުޅި ގަދަވެ ފާޅުކުރި ކަންބޮޑުވުމަށް މޭޔަރުގެ ހައިސިއްޔަތުން ދޭނެ ޖަވާބެއް ނެތި އެ ރައްޔިތުން ކުރިމަތީ މިއަދު ޖެހުނީ އިސް ދަށަށް ޖަހާލަން ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. އާޒިމް އިތުރަށް ވިދާޅުވީ ރައީސް މީހާއާ ސަރުކާރަކީ ހަރުދަނާ ނިންމުންތަކެއް ނިންމާ ބަޔަކަށް ވާން ވާނެ ކަމަށެވެ.
މިއީ އަކީ ކަންކަން ހިނގަން ވާނެ އުސޫލެއް ނޫން. ރައްޔިތުންގެ ފައިސާއިން ރައްޔިތުންނަށް ދޭ މަސްދަޅުތައް އެންމެ ފަސޭހަ ލުއި ގޮތަކަށް ރައްޔިތުންނަށް ދޫކުރުމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ސިޓީ ކައުންސިލުން ވެ ނިމުނީމަ އެކަން މި ހުއްޓުވަނީ. މިއީ އެއް ދުވަހުގެ ދެ ދުވަހުގެ މަސައްކަތެއް ނޫން. ރައީސް މީހާއަކީ ކުޅޭ ކުޅޭ ކުޑަ ކުއްޖަކަށް ވީމަ ކަމަކު ނުދާނެ. ހަރުދަނާ ހަރު މީހަކަށް ވާން ވާނެ. މިއަދު ކިހާ ބޮޑު ތަކުލީފެއްތޯ ރައްޔިތުންނަށް މި ޖެހުނީ. ރައްޔިތުން ކިހާ ރުޅި ގަދަވެފައިތޯ އެ ތިބީ.
އާޒިމް ވިދާޅުވީ ޚިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް އުނދަގޫ ޖައްސަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.