ރައީސް ޔާމީން / ތޭރަ އޮންލައިން
ސިޔާސީ
ތަހުޒީބީ މުޖުތަމައަކުން ފެންނަން ނުޖެހޭ އެތައްކަމެއް މި ގައުމުން ދަނީ ފެންނަމުން: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
20 ފެބްރުއަރީ 2025
މާލެ ސިޓީ

ތަހުޒީބީ މުޖުތަމައަކުން ފެންނަން ނުޖެހޭ އެތައްކަމެއް މިހާރު މި ގައުމުން ފެންނަމުންދާތީ ރައީސް އަބްދުﷲ ޔާމީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ އިޖްތިމާއީ ރައްކާތރިކަމާ ގުޅޭ ގޮތުން ރައީސް މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅަށް ނަޒަރު ހިންގަވާލައްވާ ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުރާސްފަތި ދުވަހުގެރޭ އޮތް އެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އިޖްތިމާއީ ރައްކާތެރިކަމުގެ ވާހަކަ ރައީސް މުއިއްޒު ދައްކަޥާއިރު އެއީ ކޮން އެއްޗެއްކަން ރައީސް މުއިއްޒަށް އެނގިވަޑައިގަންނަވާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެގޮތުން ވާނުވާ ބަންދުގައި އެތައް ބަޔަކު ތާށީ ކޮށްފައި ތިބުމާ ކަރަންޓާ ފެން އަތު ފަތު ނުޖެހި މައްޗަށް ދިއުމާ ޕާކުކުރާނެ ތަނެއް ނުދައްކާ ވެހިކަލް ޓޯ ކުރާ ކަމާ އާމްދަނީ ދަށްވެ ދަށު ފަންތީގެ މީހުން ތިބި ހާލާ މަސްވެރިން ބާނާ މަހަށް ދޭން އޮތް ދަރަނި އަދާނުކުރުން ފަދަ ކަންކަމަކީ އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އިންސާފުވެރި ބަދަލެއް ގެންނަން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވާއިރު ރާއްޖޭގެ ރައްޔިތުން ކުރިމަތިލަމުންދާ ކަންކަން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ވާނުވާ ބަންދު ޖަހާފައި 435 މީހުން ތިބި ވާހަކަ މި ދައްކަނީ. ޒުވާން ކުދިންނަށް ޕާކުކުރާނެތަނެއް ނުދައްކާ އެކުދިންގެ އެއްޗެހި ގެންގޮސް ނައްތާލަނީ. މާލޭގައި ޓެކްސީއަކަށް ޕާކުކުރެވޭނެ ބިންކޮޅެއް ނެތް. ޓެކްސީ ޑްރައިވަރުންނަކީ ވަރަށް ނިކަމެތި ބައެއް ވަރަށް ހާލުގައި އެމީހުން މަސައްކަތްކުރަނީ. ހުރިހާ ބިންތަކެއް ކުރިން ހުރި މޭޔަރު މާލޭގެ އެކި ފަރާތް ފަރާތް ބޮޑު އަގުގައި ވިއްކާ ނިންމާފަ. އާމްދަނީ ވަރަށް ދަށްވެގެން އެ ވާހަަކަ ދައްކާއިރު ދަށު ފަންތީގެ މީހުންގެ ވާހަކަ. މަސްދަޅު ކޭހަށް ކިޔު ޖެހިފައި އޮތްއިރު އަޅުގަޑުމެން ޚިޔާލަށް ގެންނަވީ މަސްވެރިން ބާނާފަ ހުރި މަހަށް އެމީހުންގެ އޮތް އައުޓުސްޓޭންޑިން ކްލިއަރކޮށް ދެއްވިއްޖެހޭ. އަދި ކްލިއަރކޮށްނުދެވޭ. އެހެންވީމަ މި ވެނު މަސް ވެނަށް ކާން ދެނީ. އަޅުގަޑުމެން މިވާހަކަ ދައްކާއިރު ކަރަންޓު ބިލާ ފެން ބިލާ އިންތިހާއަށް ބޮޑުވަމުންދަނީ ރޯދަމަހާ ދިމާކޮށް ވެސް. އެހެންވީމަ މި ބޭފުޅުންނަށް އެއްވެސް ވަރަކަށް މޭރުން ވޭތޯއޭ އިޖްތިމާއީ ރައްކާތެރިކަން ހަރުދަނާކުރަން އިންސާފުވެރި ބަދަލެކޭ ބުނާއިރު އިޖްތިމާއީ ރައްކާތެރިކަމަކީ ކޯއްޗެއްކަން އެނގިވަޑައިގަންނަވާބާއޭ. ރައްޔިތުން އިންތިހާއަށް މިތިބި ދަރާފަ. ދެން މުއައްސަސާތަކާ ތަންތަނުގައި ހުރި ލިޔެކިޔުންތައް އަންދާ ދެން މި ދެންނެވީ ތަހުޒީބީ މުޖުތަމައެއްގައި ފެނިގެން ނުވާނެ ހުރިހާ ކަމެއް މިދަނީ ފެންނަމން. އެކަމު މި ދައްކަވަނީ އިޖްތިމާއީ ރައްކާތެރިކަމުގެ ވާހަކަ

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އިޖްތިމާއީ ރައްކާތެރިކަމުގެ ވާހަކަ ދައްކާ ސަރުކާރުން މިވަގުތުވެސް ތިބީ ރައްޔިތުންގެ ބޯހިޔާވަހިކަމުގައި ވެސް އަތް އަޅައިގެން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved