ހުޅުމާލޭގެ ޕްލެޓިނަމް ރެޒިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި އާޒިމާ ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި 'ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް' ކުންފުނިން އޭނާއަށް ދިން ލޯނު ނުދައްކާ އޮތް ކަމަށް ބުނެ، އޮންލައިން ނޫހެއް ކަމަށްވާ ދައުރު ނޫހުން މިދިޔަ ބުރާސްފަތި ދުވަހު ހަބަރެއް ޝާއިއު ކުރުމާއި ގުޅިގެން އާޒިމާ ވަނީ ޚަބަރު ޝާއިއު ކުރި ނޫސްވެރިޔާއަށާއި ނޫހަށް ނުސީދާގޮތަށް އިންޒާރުދީ އެވާހަކަތައް އެއީ އޭނާ ފްރޭމް ކުރުމަށް ދައްކާ ވާހަކަތައްކަމަށް ބުނެފައެވެ.
ދިވެހިރާއްޖޭގެ ސިވިލް ކޯޓުން ހޯމަ ދުވަހު ނެރެފައިވާ ބަޔާން އާޒިމާ ވަނީ އެކްސްގައި ހިއްސާކުރައްވާ ދައުރު ނޫހުން އާޒިމާގެ ދަރަނީގެ ވާހަކަތައް ދެއްކުމުން އެއީ ދޮގެއް ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ސަރުކާރުގެ ކެންޑިޑޭޓް ކަމުން ކޯޓުތަކަށް އަތްބާނާއިގެން ނުފޫޒު ފޯރުވައިގެން ދޮގު ނޫސް ބަޔާނެއް އާޒިމާ ނެރެފައިވާކަމަށް ވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އާޒިމާ އެކްސްގައި "ދަ ޓްރޫތް" ޖައްސަވާ ކޮށްފައިވާ ޕޯސްޓުންވެސް ދޭހަވަނީ ކަމެއްކޮށްފައި އެކަން ސިއްރުކުރުމަށްޓަކައި އުޅުއްވާ މަންޒަރުކަމަށްވެސް ގިނަ ފަރާތްތަކުން ބުނެއެވެ.
އެގޮތުން، ފާޑުކިޔުންތަކަށް ބަލައިގަތުމެއް ނެތި މާ އަވަހަށް ނޫސްވެރިންނަށް އިންޒާރުދީ ނޫސްތަކުން ފަތުރަނީ ދޮގުކަމަށް ވިދާޅުވާއިރު އާޒިމާގެ މައްޗައް ވަނީ އެކި އެކި ފަރާތްތަކުގެ އަތުން ދަރަނި ނަގާފައިވާކަމުގެ ތުހުމަތު ކުރެވިފައެވެ.
އާޒިމާ ފްލެޓު ގަންނަން ހިންގެވި މުއާމަލާތާ ގުޅިގެން ޕްލެޓިނަމް ރިއަލް އެސްޓޭޓްގެ ފަރާތުން ވެސް އޭނާގެ އަތުން ފައިސާތަކެއް ހޯދަން މަސައްކަތް ކުރަމުންދާ އިރު، އެ ފްލެޓް ގަތުމަށް އާޒިމާ އިސްލާމިކް ބޭންކް (އެމްއައިބީ)ން ނެންގެވި ލޯނަކަށް 4.2 މިލިއަން ރުފިޔާ ނުދައްކައިގެން އެ ފައިސާ 6 މަސް ތެރޭ ދެއްކުމަށް އޭނާގެ މައްޗަށް ވަނީ މިދިޔަ އަންގާރަ ދުވަހު ހުކުމެއް ވެސް ކޮށްފަ އެވެ.
ސަރުކާރުގެ ކެންޑިޑޭޓަކަށް ވެހުންނަވާ އާޒިމާ މާލެ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލައްވާއިރު އެ މަގާމަށް ގާބިލުތޯ ވިސްނާލިތޯ ސުވާލު އުފައްދަވާ ގިނަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިޔާގައި އާޒިމާ އަށް ފާޑު އަމާޒުކުރައްވަމުންނެވެ.