ޒަކިއްޔާއަށް އިންސާފު ހޯދުމަށް ގޮވާލާ ބޭއްވި ހިނގާލުމެއްގެ ތެރެއިން / ސޯޝަލް މީޑިއާ
ހަބަރު
ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ހޯދުމަށް ނިކުތް ރައްޔިތުންގެ ގަޔަށް ދައުލަތުން ޕެޕަރ ސްޕްރޭ ޖަހައިފި
23 ފެބްރުއަރީ 2025

ނ. ހޮޅުދޫގައި ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި އިންސާފު ހޯދުމަށް ނިކުތް ރައްޔިތުންނާއި ދެކޮޅަށް ދައުލަތުން ޕެޕަރ ސްޕްރޭ ޖަހައިފިއެވެ.

ޒަކިއްޔާ މޫސާގެ މަރަށް 5 މަސް ފާއިތުވެގެން ދިޔައިރު އިންސާފު ހޯދުމަށް ގޮވާލާ އެއްވުމެއްވަނީ އިއްޔެ އެ ރަށުގައި ކުރިއަށް ގެންގޮސްފައެވެ.

މި އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ރަޔަޓް ގިއަރާއި އެކު ފުލުހުންގެ ބޮޑު ޓީމެއްވަނީ އެ ރަށަށް ގޮސްފައެވެ. އެގޮތުން މުޒާހަރާ ރޫޅާލުމުގެ ތެރެއިން 3 މީހަކަށް އެކި ވަރުގެ އަނިޔާވެ އެޑްމިޓް ކުރި އިރު އެ އިހުތިޖާޖުގެ ތެރެއިން 2 މީހަކުވަނީ ހައްޔަރުކޮށްފައެވެ.


އިހުތިޖާޖުގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެއްވި އިރު ސިޔާސީ ނުފޫޒުން އެކަހެރިވުމަށްފަހު ރަނގަޅު ތަހުގީގެއް ކުރިއަށް ގެންދިއުމަށް ރައްޔިތުން ދިޔައީ ކެނޑި ނޭޅި ގޮވާލަމުންނެވެ. އަދި ޒަކިއްޔާގެ މަރާއި ގުޅިގެން މަރާލިކަމަށް ޝައްކު ކުރެވޭ މީހާ ހައްޔަރު ކުރުމަށްވެސް ގޮވާލަމުންކަން ފާހަގަކޮށްލެވެއެވެ.

ރައްޔިތުން ސުލްހަވެރި އިހުތިޖާޖު ކުރާތާ 5 މަސް ވީ އިރުވެސް ރައްޔިތުންނަށް އެދެވޭ ޖަވާބެއް ކަމާ ބެހޭ މުއައްސަސާތަކުން ނުދެވެއެވެ. އަދި އެ ރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައިކަމަށް އިހުތިޖާޖުގެ ބައިވެރިން ދިޔައީ ބުނަމުންނެވެ.

5 މަސް ފަހުން އެޗްއާރުސީއެމް ގަދަ ނިދީން ހޭލައި، ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރަން ފެށިކަމަށް މިއަދުވަނީ ހާމަވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved