ޒަކިއްޔާގެ މަރުގެ މައްސަލައަށް 5 މަސް ފަހުން އެންއައިސީ ހޭލައިފި / ވީޑިއޯ ސްކްރީން ޝޮޓް
ހަބަރު
ހޮޅުދޫގެ ރައްޔިތުން ކެކިއަރައިގަތުމުން ފަހަރަކު މުއައްސަސާއެއް ނިދިން ހޭލަނީ!
23 ފެބްރުއަރީ 2025
މާލެ ސިޓީ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ނ. ހޮޅުދޫގައި ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާ މަނިކުގެ މަރަށް ފަސް މަސް ފަހުން ދައުލަތުގެ މުއައްސަސާތައް ގަދަ ނިދިން ހޭލަން ފަށައިފިއެވެ.

ޒަކިއްޔާ ނިޔާވެ އޭނާ މަރުވީ އަމިއްލައަށް ކަމަށް ބެލުމުގެ ފުރުސަތު ބޮޑު ކަމަށް ދޭހަވާ ފަދަ މޭރުމަކުން ފުލުހުން ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކާފައެވެ. ނަމަވެސް ރަށުގެ ރައްޔިތުން ހާމަކުރާ ގޮތުގައި ޒަކިއްޔާގެ މަރަކީ އަމިއްލައަށް މަރުވުމެއްގެ ހާދިސާއެއް ނޫން ކަމަށާ ޒަކިއްޔާ މަރާލުމަށް ބޭނުންކޮށްފައި އޮތް ހަތިޔާރުގައި ވެސް ފުރަތަމަ ފެނުނު އިރު ލޭ ނެތް ކަމަށެވެ. އަދި ޒަކިއްޔާ މަރުވެފައި އޮތް ސަރަހައްދު ދޫކޮށް ފުލުހުން ދިއުމަށްފަހު ސީންގެ ހެކި ނައްތާލަން ފުރުސަތު ލިބޭހޭ އިރު ފަހުން އެ ދުވަހުގެ އިރު އޮއްސެއްމުން ދިޔަ ވަގުތު އައިސް ސަރަހައްދު ބަންދުކުރީ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ތުހުމަތު ކުރާ ގޮތުގައި ފުލުހުންގެ އިހުމާލު ޒަކިއްޔާގެ މަރުގެ ހެކި ނެތުމުގައި ވެއެވެ.

މީގެ އިތުރުން އެ ރަށުގެ ރައްޔިތުން މި މައްސަލައިގައި ބިރުވެރިކަމެއްގެ ތެރޭގައި ތިބިއިރު ދައުލަތުގެ މުއައްސަސާތަކުގެ އެއްބާރުލުން ހޮޅުދޫގެ ރައްޔިތުންނަށް ނުލިބޭ ކަމާ ސަރުކާރުން ވެސް ރަށުގެ ރައްޔިތުންނާ މެދު އިހުމާލުވެފައިވާ ކަމަށް ހޮޅުދޫ ރައްޔިތުން ހާމަކުރެއެވެ. އެގޮތުން ރަށުގެ ރައްޔިތުން އިންސާފަށް އެދި އަޑު އުފުލާތާ ފަސް މަހުން އެ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާ އިއްޔެ ވަނީ ރަށުގައި ހުންނަ ފުލުހުންގެ އިދާރާއަށް ވެސް ރައްޔިތުން ވަދެފައެވެ. އަދި ޒަކިއްޔާ މަރުވި ދުވަހު ހޮޅުދޫ ޕޮލިސް ސްޓޭޝަންގައި ތިބި ފުލުހުންނާ އަދި އެ ހޮޅުދޫގައި އެ ދުވަހު ހުރި ޕޮލިސް އިންޗާޖު ވެސް ރައްޔިތުންނަށް ޖަވާބުދާރީ ވުމަށް ގޮވާލާ އިހުތިޖާޖު ކޮށްފައިވެއެވެ.

ހޮޅުދޫ ރައްޔިތުންގެ ރުޅި ގަނޑު ފަޅައިގެން ގޮސް ރަށުގެ މަސްލަހަތު ގެއްލި ރަށުގެ ހަމަޖެހުން ގެއްލުނު ފަހުން މިހާރު ޒަކިއްޔާގެ މަރުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބަލަން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ތަހުގީގު ފެށިކަމަށް ވަނި ރިޕޯޓުކޮށްފައެވެ.

އެގޮތުން އެ ކޮމިޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެ މައްސަލަ ބަލަން ފެށީ ޒަކިއްޔާގެ މަރުގެ ތަހުގީގަށް ފުލުހުން އިހުމާލުވެފައިވާ ކަމަށް ބުނެ ގިނަ އަދަދެއްގެ އާންމުން ފުލުހުންނަށް ތުހުމަތު ކުރަމުން ދާތީ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ.

އެ ކޮމިޝަނުން ބުނީ ޒަކިއްޔާގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގައި ގާނޫނާއި ގަވާއިދުގެ ބޭރުން އެއްވެސް ކަމެއް ފުލުހުން ކޮށްފައިވޭތޯ އެންއައިސީން ބަލާނެ ކަމަށެވެ.

އެންއައިސީއިން މިހެން ހާމަކޮށްފައިވާއިރު ހޮޅުދޫ ރައްޔިތުން އެކަމުގައި އިންސާފު ހޯދަން އިހުތިޖާޖުކުރާތާ 5 މަސް ފަހުން އެޗްއާރުސީއެމުންވެސް މައްސަލަ ބަލަން ފަށާފައިވާ ކަމަށް އެ ކޮމިޝަނުންވެސް ބުނެފައިވެއެވެ.

ޒަކިއްޔާ މަރުވީ އަމިއްލައަށް ކަމަށް ބެލުމުގެ ފުރުސަތު ބޮޑުކަމަށް ފުލުހުން ހާމަކޮށްފައިވާއިރު ފުލުހުން އެ ދުވަހު އެ ސަރަހައްދު ދޫކޮށް ދިއުމުން ޒަކިއްޔާގެ ގާތިލަށް ހެކި ނައްތާލަން ފުރުސަތު ލިބުނުކަމަށް ރަށުގެ ގނަ ރައްޔިތުން އިއްތިފާގުވެއެވެ. އެއީ ފުލުހުން ޒަކިއްޔާގެ ހަށިގަނޑު ހިފައިގެން ސިއްހީ މަރުކަޒަށް ދިޔައިރު އެއްވެސް ފުލުހެއް ހާދިސާ ހިނގި ސަރަހައްދުގައި މަޑުކޮށްފައި ނުވާއިރު އެ ތަނުގައި ޒަކިއްޔާ ފިރިމީހާގެ އާއިލާ މީހުން ހަރަކާތްތެރިވަމުން ދިޔަ ކަމަށް ރައްޔިތުން ހާމަކުރެއެވެ. އަދި ޒަކިއްޔާގެ މަރުގައި ބޭޏުންކުރި ކަމަށްވާ ވަޅީގައި ވެސް ކުރިން ލޭ ނެތް އިރު ފުލުހުން ފަހުން ވީޑިއޯގައި ދެއްކި ވަޅީގައި ލޭ ހުރުމުން ވެސް މަންޒަރު ދުށް ރައްޔިތުން ވަނީ ސުވާލު އުފައްދާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved