

ރައްޔިތުންގެ މަޖިލީސް މެންބަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަ ކުޑަކުރަން މިވަގުތަށް ނުފެންނަ ކަމަށް ރައީސް މުހައްމަދު މުއިއްޒަށް ލަފާ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ދުވަހަށް ސަރުކާރުން އަޅަން ނިންމި ފިޔަވަޅުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގައި އަސާސީ މުސާރަ 12،000 އަށް ވުރެ މަތިން ލިބޭ ނަމަ 10 ޕަސެންޓު އުނި ކުރުމަށާއި މަޖިލީހަށް ފެންނަ ނަމަ ޝަރުއީ ދާއިރާ އާއި މަޖިލިހުގެ މެންބަރުންގެ މުސާރައިން ވެސް 10 ޕަސެންޓް ކުޑަ ކުރަން ބޭނުންފުޅުވާތީ މަޖިލިހުގެ ލަފައަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ އެދިވަޑައިގެންފަ އެވެ.
އެކަމަކު، އެ މައްސަލަ ދިރާސާކުރުމަށް ފަހު، މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމުގައި ވަނީ މި އިދާރާތަކުގެ މުސާރަ ކުޑަކުރެވެން އޮތީ ގުޅުން ހުރި ގާނޫނުތަކަށް ބަދަލު ގެނެސްގެން ކަމަށެވެ.
ކޮމިޓީގެ އިއްތިފާގުން ނިންމާފައި ވަނީ، މިވަގުތަށް އެ މުސާރަތައް ކުޑަނުކުރުމަށެވެ. އޭގެ ބަދަލުގައި ބްރޯޑްކާސްޓިން ކޮމިޝަން އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުން ހިމެނޭހެން، އެގޮތަށް އެއްކުރެވޭ މުއައްސަސާތައް އެއްކޮށްލައިގެން ހަރަދު ކުޑަކުރެވޭނެ ގޮތެއް ހޯދުމަށް އެ ނިންމުމުގައި ލަފާ ދިނެވެ.
ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 44 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުން މެންބަރުންގެ މުސާރަ އަދި ޝަރުއީ ދާއިރާ އަދި މުއައްސާތަކުގެ މުސާރަތައް މިވަގުތު ކުޑަކުރަން ނުފެންނަ ކަަމަށް ފާސްކުރިއިރު، ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށް ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން އައިއެމްއެފުން ވަނީ ގޮވާލާފަ އެވެ.
ސަރުކާރުގެ ހަރަދުތައް ބޮޑުވެ ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނު ނަމަވެސް ހަރަދުތައް ދެކޮޅު ނުޖެއްސޭތީ މާލީ އިދާރާތަކުގެ ކަންބޮޑުވުން އެބައޮތެވެ. އަދި، ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިންވެސް ދަށްކުރި އެވެ.