March 20, 2026
Advertisement
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް / -

ނިޒާމީ ނުކުތާ ނެންގެވުމުން މީކާއިލްގެ ނަން އިއްވައި ސެކިއުރިޓީ މެދުވެރިކޮށް ބޭރުކޮށްފި

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Feb 25, 2025, 05:33 PM
މާލެ ސިޓީ

އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މިނިސްޓަރުގެ ޖަވާބުދާރީވުމުގެ ވަގުތުގައި ތަކުރާރުކޮށް ނިޒާމީ ނުކުތާ ނެންގެވުމުން، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި ތަޅުމުން މިއަދު ނެރެފި އެވެ.

Advertisement

މީކާއިލްގެ ނަން އިއްވީ އެމްޑީޕީން ހުށަހަޅާފައިވާ ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް އެމަނިކުފާނު ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދަވަނިކޮށް ތަކުރާރުކޮށް މީކާއިލް ނިޒާމީ މައްސަލަ ނަންގަވަން ފެއްޓެވުމުންނެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި މީކާއީލް ނިޒާމީ މައްސަލަ ނަންގަވަމުން ގެންދެވީ އެކަން ކުރަން އޮންނަ އުސޫލަކުން ނޫނެވެ. އެހެންވެ މަޖިލީހުގެ ރިޔާސަތުން ވަނީ މީކާއިލްގެ ނަން އިއްވުމުގެ ކުރިން މަޖިލީހުގެ ގަވައިދާ އެއްގޮތަށް އަމަލުކުރުމަށް ތަކުރާރުކޮށް މީކާއީލްއަށް ނަސޭހަތްތެރިވެފަ އެވެ. އެކަމަކު މަޖިލީހުގެ ރައީސްގެ އެންގެވުމާ އެއްގޮތަށް މީކާއިލް އަމަލުނުކުރެއްވުމުން މަޖިލީހުގެ ރައީސް ވަނީ އޭނާގެ ނަން އިއްވާފަ އެވެ.

ނަން އިއްވުމުން ވެސް މީކާއިލް ވަޑައިނުގަތުމުން، މަޖިލީހުގެ ސެކިއުރިޓީން ވަނީ ގަދަކަމުން އޭނާ ތަޅުމުން ނެރެފަ އެވެ. ޖަލްސާ އަލުން ފެށީ މީކާއިލް ތަޅުމުން ނެރުމުންނެވެ.

މީކާއިލް ތަޅުމުން ނެރުނީ ސާޖަންޓް އެޓް އާމްސް ތޮލްހަތު ހަސަން ވަޑައިގެން ވާހަކަ ދެއްކެވުމުން ވެސް، އެއްބާރުލުން ނުދެއްވުމުން ހަ ސެކިއުރިޓީންގެ އެހީތެރިކަމާ އެކު އެވެ.

ތަޅުމުން ނެރުމާ ގުޅިގެން މީކާއިލް "އެކްސް" ގައި ވިދާޅުވީ ގޮނޑިން ނުތެދުވެ، ތަކުރާރުކޮށް ނިޒާމާ ބެހޭ މައްސަލައެއް ހުށަހެޅުމުގެ ފުރުސަތަށް އެދިވަޑައިގަންނަވަމުން ގެންދަވަނިކޮށް އޭނާ ތަޅުމުން ނެރުނީ މަޖިލިހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

އިހުސާން މަގާމުން ވަކި ކުރަން އެމްޑީޕީގެ މެންބަރުން އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅީ، އޭނާގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved