

ނ. ހޮޅުދޫގަވއި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލަ ތަހުގީގު ލަސްވެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ މައްސަލަ ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދެ މައްސަލަ ވެސް ރިޔާސަތުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވެސް މިއަދު ޖަލްސާއަށް ހުށަހެޅި މިކަމާ ގުޅޭ ކުއްލި މައްސަލައެކެވެ.
ދެ މެންބަރުންގެ މައްސަލައިގައި ވެސް ތަހުގީގު ލަސްވާ ސަބަބު ދެނެގަނެ، ތަހުގީގު އަވަސް ކުރުމަށް ގޮވާލާފައިވެ އެވެ.
ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް ވަނީ ދެ މައްސަލާގައި ވެސް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައިފަ އެވެ. އެގޮތަށް ނިންމީ މިއީ ފާއިތުވެދިޔަ ހަތް ދުވަހުގެ ތެރޭގައި ނުހިނގާ ކަމެއް ކަމަށް ނިންމުމަށް ފަހު އެވެ
ޒަކިއްޔާގެ މަރަށް އިންސާފު ހޯދުމަށް ގޮވާލާ ހޮޅުދޫގެ ރައްޔިތުން އިހުތިޖާޖު ކުރަމުންދާތާ 6 މަސް ފުރެން ގާތްވެފައިވާއިރު ރައްޔިތުން ވަނީ ހޮނިހިރު ދުވަހުން ފެށިގެން މެދު ކެނޑުމެއް ނެތި އިހުތިޖާޖުކޮށް ކައުންސިލް ދޮށަށާ ރަށުގައި ހުންނަ ޕޮލިސް ސްޓޭޝަން ދޮށަށް ވެސް އެއްވެ ޖަވާބެއް ނުލިބޭހާ ހިނދަކު އިހުތިޖާޖުތައް ހުއްޓާނުލާނެ ކަމަށްވެސް އަޑު އުފުލާފަ އެވެ.
ފުލުހުން ދާދިފަހުން ވަނީ ޒަކިއްޔާގެ މަރުގެ ތަހުގީގުގެ ތެރެއިން ފުލުހުން ހޯދާފައިވާ ހޯދުންތައް އެފްބީއައިއާ ހިއްސާކޮށް އެހީތެރިކަން ހޯދަމުން އަންނަ ކަމަށް ބުނެފަ އެވެ. މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޒަކިއްޔާ މަރުވީ އަމިއްލައަށްކަން ނުވަތަ މީހަކު މަރާލީކަން އަދި ކަށަވަރު ނުވާކަމަށް ފުލުހުން ބުނެފައިވެ އެވެ.
މީގެ އިތުރުން ނ. ހޮޅުދޫގައި މިދިޔަ އަހަރު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލުތަކެއް އެބަހުރިކަމަށް ގަބޫލު ކުރެވޭ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނާ އިހުސާން ރޭ ވަނީ ވިދާޅުވެފަ އެވެ.