

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ނ. ހޮޅުދޫގައި ބޮޑެތި ޒަޚަމްތަކަކާ އެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުމުގައި ފުލުހުން އިހުމާލުވެފައިވާކަމަށް ވިދާޅުވި ވިދާޅުވުމުގެ ރާގު ހޯމް މިނިސްޓަރު އަލީ އިހުސާން ބަދަލުކުރައްވާފައިވާތީ ހޮޅުދޫ ރައްޔިތުންގެ ފާޑުކިޔުމާ ނުރުހުން އަމާޒުވެއްޖެއެވެ.
ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޮޕްސީ ނުހެދުނީ ގޯސްކޮށްކަމަށް ހޯމް މިނިސްޓަރު އިިހުސާން ހޮޅުދޫ ރައްޔިތުންނަށް ވިދާޅުވީ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެ ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނާ ވާހަކަ ދައްކަވާ ލައިވް ޓީވީގައެވެ. އެގޮތުން ޒަކިއްޔާގެ ހަށިގަނޑުގެ އޮޓޯޕްސީ ހެދުނުނަމަ ރައްޔިތުންގެ ޝަކުވާތައް ނާންނަކަމަށް ގަބޫލުކުރައްވާ އިހުސާން ވިދާޅުވެފައިވަނީ އެހެންކަމުން ޒކިއްޔާގެ ހަށިގަނޑުގެ އޮޓޯޕްސީ ނުހަދަން ފުލުހުން ނިންމި ނިންމުމަކީ އެންމެ ރަގަޅު ނިންމުމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަޅުގަޑު ގަބޫލެއް ނުކުރަން އަޅުގަޑުމެން އޮޓޯޕްސީ މިހާތަނަށް ނުހެދި، އޭރު ނަހަދާ ދޫކޮށްލި ދޫކޮށްލުން އެއީ އެންމެ ރަގަޅު ކަމަކަށް ކަމަށް އިނގޭތޯ. އަޅުގަޑު ގަބޫލު ކުރަނީ އެއީ އަޅުގަޑުމެންނަށް ހެދުނު ގޯހެއް ކަމަށް. އަޅުގަޑު ޕާސަނަލީ ގަބޫލުކުރާ ގޮތުގައި އަޅުގަޑުމެން އެ ދުވަހު އޮޓޯޕްސީއަކަށް ފޮނުވުނު ނަމަހީ އަޅުގަޑުމެން މިއަދު މި ވާހަކައެއް ނުދައްކާނެ. އެހެންވީމަ އެއީ އެންމެ ރަގަޅަށް ދިޔަ ކަމެއް ނޫން.
ނަމަވެސް މ ވާހަކަތަކަށް ދެ މަހާ 17 ދުވަސް ފަހުން ވަޒީރުންގެ އަހާ ފޯރަމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވެފައިވަނީ ޒަކިއްޔާގެ މަރާ ގުޅިގެން ޕްރޮފެޝަނަލީ ލިބުނީ އެއް އޮޕީނިއަންއެއް ކަމަށާ އެހެންކަމުން އޭރު ނެގި ޑިސިޝަން ގޯސްކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ޕްރޮފެޝަނަލީ އެއް އޮޕީނިއަންއެއް ލިބުނީ. އެހެންވީމަ އަޅުގަޑުމެންނަކަށް ގަބޫލެއް ނުކުރެވޭ އަޅުގަޑުމެން އޭރު ނެގި ޑިސިޝަން ގޯސް ކަމަކަށް.
އެހެންކަމުން އެއް ކަމަކާ ގުޅޭ ގޮތުން ދެ ޕްލެޓުފޯމެްގައި ވަޒީރު ދެ ގޮތަށް ވާހަކަ ދެއްކެވުމުން ހޮޅުދޫގެ ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރަމުންނެވެ. އެގޮތުން ހޮޅުދޫގެ ބައެއް ރައްޔިތުން މީސް މީޑިޔާގައި ޝުއޫރު ފާޅުކޮށް ބުނެފައިވަނީ މި ވަރުން ގައުމުގެ ވެރިންގެ ފެންވަރާ ފަންވަރު ހާމަވާ ކަމަށާ ދޮގު ހެދުމުގެ ކުޅަދާނަކަން ވެރިންގެ ކިބައިގައި ހުރި ހުނަރެއްގެ ގޮތުގައި މިހާރު ލޭބަލްވެއްޖެ ކަމަށެވެ.
މީގެ އިތުރުން ވަޒީރު އިހުސާން ފާޅުގައި ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އިއުތިރާފުވެފައިވާއިރު ވެސް، އެ މަރުގެ ތަހުގީގުން ފުލުހުން ދުރުނުކޮށް ރައީސް މުހައްމަދު މުއިއްޒު ހުންނަވާ ސަބަބާ މެދުވެސް އެ ރައްޔިތުން ސުވާލު އުފައްދައެވެ. ޒަކިއްޔާގެ އާއިލާއިން ގެ ފަރާތުން ވަނީ އެ ތަހުގީގުން ފުލުހުން އެއް ފަރާތްކޮށް ކޮމިޝަނަކުން މައްސަލަ ބަލައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ ކިބައިން އެދިފައިވެސް މެއެވެ.
އިހުސާން ބާރު ގަދަ ވަޒީރެއްގެ ގޮތުގައި ރައީސް މުއިއްޒަށް ބައިއަތު ހިފި ނަމަވެސް ރައްޔިތުންގެ ހައްގު ނިގުޅައިގަތުމުގެ ފުރުސަތު ނޯންނާނެ ކަމަށާ ހޮޅުދޫގެ ރައްޔިތުން ބިރުވެރިކަމެއްގައި 7 މަސް ދުވަސް ފާއިތުކުރަމުންދާއިރު އެ ރައްޔިތުންގެ ހައްގު ކޮބައިކަމާ މެދު ހޮޅުދޫ ރައްޔިތުން ސުވާލު ކުރަމުން ދެއެއެވެ.
މީގެ އިތުރުން ޒަކިއްޔާގެ މަރާ ގުޅިގެން ހުރިހާ ޕްރޮފެޝަނަލުންވެސް އިއްތިފާގުވަނީ އެއް ގޮތަކަށް ކަމަށް ވަޒީރު ވިދާޅުވާއިރު، އެ ހުރިހާ ޕްރޮފެޝަނަލުން ކޮންކްލޫޝަނަކަށް އައިސްފައިވަނީ އިހުމާލު އޮތް ކަމަށް އިއުތިރާފުވި ފުލުހުން ނެގި ހެކިތަކެއް މައްޗަށް ކަމާ ޒަކިއްޔާގެ މަރުގެ ސީން އަކީ ފުލުހުން ރޫޅާލާ ހެކި ނައްތާލާފައިވާ ތަނެއްކަން ހޮޅުދީގެ ހުރިހާ ރައްޔިތުންވެސް ދަންނަ ކަމަށް އެ ރައްޔިތުން ދަނީ ބުނަމުންނެވެ. އެހެންކަމުން އެފްބިއައި އާ އަދިވެސް އެހެން ތަންތަނުގެ ރައުޔު ހޯދިކަމަށް ދިވެހި ފުލުހުން ބުނާއިރު އޭގައި ސައްހަ ހެއްކެއް ބޭނުން ކުރަން ހެކި ހޯދާނީ ކޮންތާކުން ކަމާ މެދު ވެް ހޮޅުދޫގެ ރައްޔިތުން ސުވާލު އުފައްދައެވެ.
ޒަކިއްޔާގެ މަރުގެ ހާދިސާގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް އިހުސާން ކުރިން އިއުތިރާފުވެފައިވެއެވެ. އަދި އޭރުގެ ސީޕީ އަލީ ޝުޖާއުވެސް ވަނީ އެއީ އާދަޔާ ޚިލާފު މަރެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.