

ކުރިއަށް އޮތް ދެ ދުވަހުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓޮލޮޖިކަލް ސެންޓަރ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓުން ހާމަކުރާ ގޮތުގައި އަންނަ އާދިއްތަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްވާނެއެވެ. މެޓުން ވަނީ ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށާއި، ހާއްސަކޮށް ދެކުނާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ އާންމު ވައިވެސް ގަދަވާނެ ކަމަށާ އަދި އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ދެކުނާއި މެދުރާއްޖޭގެ އަތޮޅުތަކަށް މޫސުން އެންމެ ގޯސްވާނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ލަފާކުރެއެވެ.
އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި، އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށް ވެސް މެޓުން ވަނީ ހާމަކޮށްފައެވެ.
އެ އިދާރާއިން ހާމަކުރި ގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކުގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާ 5 ފޫޓާ ދެމެދުގައި ކަމަށާއި، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތަކުގެ ރާޅުގެ އުސްމިން ހުންނާނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
އިރުވައިގެ މި ދުވަސްވަރު ރާއްޖެއަށް ކުރަން ފެށި މި ވިއްސާރައަކީ ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއް ކަމަށް ވެސް މެޓުން ހާމަކޮށްފައެވެ.
އެހެންކަމުން ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމުކޮށް ހުރިހާ އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ ހާމަކޮށްފައެވެ.