

ހިތަދޫ މެދު ދާއިރާގެ ދާއިރާގެ ބައި-އިލެކްޝަނެއްގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޯދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންނެވިކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.
މިފަދަ އަޑުތަކެއް ފެތުރިފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕީއެންސީ އިން ވަކިކޮށްފާނެ ކަމުގެ އަޑުތައް ފެތުރިފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.
އަޒާންވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން ޕީއެންސީ މަޖިލީހުން ފާސްކުރި ބިލާ ދެކޮޅު ހަދާ، ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތްރީ ލައިން ވިޕާ ހިލާފުވެފއި ކަމަށް ޕާޓީއިން ހާމަކޮށްފައިވެއެވެ. އެގޮތުން ރައީސް މުއިއްޒާއި އަޒާން އާއި ދެމެދު މައްސަލަ ޖެހުނީ މި ހިސާބުންކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
ވިޕާއި ހިލާފުވާ މެމްބަރުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ޕީއެންސީން މީގެ ކުރިން އަންގާފައިވާ އިރު ވަޓްސްއެޕް ގްރޫޕުން ބޭރުކުރުން ފިޔަވާ އިތުރު ފިޔަވަޅެއް އަދި އަޅައިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ޕީއެންސީން އެ ދާއިރާގެ ބައި އިލެކްޝަންގައި ވާދަ ކުރާނެ އެހެން ކެންޑިޑޭޓެއް ހޯދާ ކަމުގެ އަޑުތައް ފެތުރިފައިވާއިރު އަޒާންގެ ގޮނޑި ގެއްލުވާލާފިނަމަ އަނބުރާ އެ ގޮނޑިއަށް އަމިއްލަ މެމްބަރެއްގެ ހައިސިއްޔަތުން ހޮވާދޭނެކަމަށް އެ ދާއިރާއަށް ނިސްބަތްވާ ގިނަ ރައްޔިތުން ދަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.