
ކޯޓުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރަމަޟާން މަސް ބައްދަލުކުރި އިރު އަދުލު އިންސާފުގެ އެންމެ މަތީގޭގެ ދޮރު ވައްޓާލާފައި އޮތުމުން މަލީހުވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އެއީ ވަރަށް ލަދުވެތިކަމެއްގެ ގޮތުގައި ވިދާޅުވެފައެވެ.
މިއަދު ގާނޫނޫ އަސާސީ އޮތީ ސުނާމީއެއްގެ ތެރޭގައިކަމަށް ސިފަ ކުރައްވާ އެކަން ވީހާވެސް އަވަހަށް ރަނގަޅު ކުރަންޖެހޭކަމަށް މަލީހު ފާހަގަ ކުރެއްވިއެވެ. އެގޮތުން ކޯޓުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށް ދައުލަތަށް މަލީހުވަނީ ގޮވާލާފައެވެ.
މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ދައުލަތުގެ ނުފޫޒުން ސުޕްރީމް ކޯޓުގެ 3 ފަނޑިޔާރުން މިދިޔަ ބުދަ ދުވަހު ސަސްޕެންޑް ކުރިކަން ފާހަގަކޮށްލެވެއެވެ.
ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާއި ގުޅޭ މައްސަލައެއްވެސް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ދަނޑިވަޅެއްކަންވެސް ފާހަގަކޮށްލެވެއެވެ. ނަމަވެސް ވަގުތީ އަމުރުތަކާމެދު ގޮތެއް ނިންމަން ބާއްވަން ތާވަލުކުރި އަޑުއެހުންވަނީ ފުލް ބެންޗު ހަމަ ނުވުމުން ކެންސަލްކޮށްފައެވެ.










