

ރައްޔިތުންގެ މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން އޭނާ ބޭރުކުރީ ބާރުގަދަ ފަރާތްތަކުގެ މަސްލަހަތު އޮންނަ ކޮރަޕްޝަންގެ މައްސަލަ މާލިއްޔަތު ކޮމިޓީ މެދުވެރިކޮށް ބަލަން މަސައްކަތް ކުރަމުން އަންނާތީ، އެ މީހުންގެ ނުފޫޒުން ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު އަޒާން މަރުޒޫގު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރާ ގޮތަށް ގާނޫނު ބަދަލުކުރުމާ ދެކޮޅު ހައްދަވައި އެ ބިލާ ގުޅިގެން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ނެރުނު ވިޕްލައިންއާ އަޒާން ހިލާވެފައިވަނިކޮށް، މަޖިލީހުގެ ބާރުގަދަ ދެ ކޮމިޓީއަކުން އޭނާ ވަކިކުރިކަން މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއުލާންކޮށްފަ އެވެ.
ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ އެ ނިންމުމާ ގުޅޭ ގޮތުން މިއަދު ބައެއް މީޑިއާ ތަކާއި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ، އެއީ އެސްއޯއީތަކުގެ ހިޔާނާތުން މަންފާވާ ބައެއްގެ ޕްރެޝަރަށް މި ދަނޑިވަޅާ ދިމާކޮށް އެޅި ފިޔަވަޅެއް ކަމަށެވެ.
އެގޮތުން ކޮމިޓީން ސަރުކާރު ކުންފުނިތަކުގެ ޕްރޮކިއުމެންޓުތައް ދިރާސާ ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ވެމްކޯގައި ފާއިތުވީ އަހަރު އެކަނި ކުއްޔަށް ތަކެތި ނަގަން 65 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަން ހާމަވެފައިވާ ކަމަށް އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ، މިފަދަ މައްސަލަތައް ބަލަން ފެށުމުން ނުބެލުމަށް އެކި ފަރާތްތަކުގެ ބޮޑެތި ޕްރެޝަރުތައް އަންނަ ކަމަށެވެ.
މަޖިލީހުގެ އެންމެ މުހިންމު ދެ ކޮމިޓީން ވަކިކުރިނަމަވެސް، މައްސަލަތައް ބެލުމުގައި ފަސްނުޖެހޭނެ ކަމަށާއި ވަކި ހާއްސަ ކޮމިޓީއެއްގައި ނެތަސް މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން، ވައްކަމާއި ހިޔާނާތުގެ މައްސަލަތައް ބަލައި ޒިންމާދާރު ކުރުވަން ކުރެވޭނެ ކަންކަން އެބަހުރި ކަމަށް އަޒާން ވިދާޅުވި އެވެ.
ކޮމިޓީތަކުން އަޒާން ވަކިކުރިއިރު، ޕީއެންސީގެ ޕީޖީ ވަޓްސްއެޕް ގުރޫޕުން ވެސް އޭނާ ވަނީ ބޭރުކޮށްފަ އެވެ. އަދި އޭނާގެ "ބަދަލު" ގައި މީހަކު ހޯދަން ޕީއެންސީން މަސައްކަތް ކުރާ ކަމުގެ އަޑުވެސް ވަނީ މިވަގުތައް ގަދަ ވެފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅު ހެދި ނަމަވެސް ދެމި ހުންނެވީ ސަރުކާރަށް ތާއީދު ކުރާ މެންބަރެއްގެ ގޮތުގައިކަން އަޒާން ވަނީ މީގެކުރިން ހާމަކޮށްފަ އެވެ.