March 9, 2026
Advertisement
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު
ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު / -

އަޒާން ކޮމިޓީތަކުން ވަކިކުރީ ހާޒިރީ ދައްކަމުން ކަމަށް ދޭހަވާ ގޮތަށް ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް ވިދާޅުވެއްޖެ

Qudhrathullah Ameen
ގުދުރަތުﷲ އަމީން
Mar 4, 2025, 03:27 AM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން، މަޖިލީހުގެ ބާރުގަދަ މުހިންމު ދެ ކޮމިޓީއަކުން ވަކިކޮށް އާންމު ދެ ކޮމިޓީއަކަށް ބަދަލުކުރީ ސިޔާސީ ކަމަކާ ގުޅިގެން ނޫން ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ އެންމެ މުހިންމު ކޮމެޓީތައް ކަމަށްވާ މާލިއްޔަތު ކޮމިޓީންނާއި، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މިއަދު ވަނީ ވަކިކޮށްފަ އެވެ. އެ ދެ ކޮމިޓީން ވަކިކުރުމަށް ފަހު އަޒާން ވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއާއި ޕެޓިޝަން ކޮމިޓީއަށް ބަދަލުކޮށްފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ މަޖިލީހުގެ ކޮމެޓީތަކުން މެމްބަރުން އެއް ކޮމެޓީން އަނެއް ކޮމިޓީއަށް ބަދަލު ކުރުމަކީ ޕާލިމެންޓްރީ ގްރޫޕްތަކުގައި އަބަދުވެސް ހިނގާކަމެއް ކަމަށެވެ.

ޕީޖީ ގުރޫޕުގެ އަދަދާއި ކޮމެޓީތަކުގެ އަދަދާއި، މެންބަރުން ކޮމެޓީގެ ހާޒިރީއަށް ދެއްވާ އަހައްމިއްޔަތުކަމާއި، ކޮމެޓީގެ މަސައްކަތަށް ދެއްވާ ސަމާލުކަން ފަދަ ކަންކަމުގެ މަައްޗަށް ބިނާކޮށް އެކި ކޮމެޓީތަކަށް އެކި މެންބަރުން އެކި އިރު ބަދަލު ގެނައުމަކީ 17، 18، އަދި 19 ވަނަ މަޖިލީހުގައި ވެސް އާންމުކޮށް ހިނގާފައި ހުންނަ ކަންކަން ކަމުގައި ދަންނަވާލަމެވެ. އެހެންކަމުން، 20ވަނަ މަޖިލީހުގައި ވެސް މިފަދަ ބަދަލުތައް ގެނެވިފައިވެ އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

ޕީއެންސީގެ އެތެރޭގެ މަސްދަރުތަކުން ސާފުވާ ގޮތުގައި މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީން އަޒާން ވަކިކުރުމަށް އެންގެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

ރައީސް މުއިއްޒު އާއި އަޒާން އާ ދެމެދު މައްސަލަ ޖެހުނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރަން މަޖިލީހުން ފާސްކުރި ބިލާ އޭނާ ދެކޮޅު ހެދުމުންނެވެ.

އަޒާން ވަނީ ދެ ފަހަރެއްގެ މަތިން ޕީއެންސީގެ ތްރީ ލައިން ވިޕާ ހިލާފުވެފަ އެވެ. އެގޮތުން ބިލު ފާސްކުރަން ނެގި ވޯޓުގައި ބައިވެރިނުވެ، އަޒާން ވަނީ މަޖިލިސް ދޫކޮށް ގޮސްފަ އެވެ.

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ބިލަށް ވޯޓު ދެއްވަން ބައެއް މެންބަރުން މަޖިލީހަށް ހާޒިރުނުވި ސަބަބު ސާފުކުރައްވާނެ ކަމަށް ފަލާހު ކުރިން ވިދާޅުވެފައިވެ އެވެ.

ވިޕްލައިންއާ ހިލާފުވި މައްސަލައިގައި އަޒާން ޕީއެންސީގެ ޕީޖީ ރަސްމީ ވަޓްސްއެޕް ގްރޫޕުން ވެސް ބޭރުކޮށްލާފައިވެ އެވެ. އަދި އޭނާ ޕާޓީން ކަނޑާލައި މަޖިލީހުގެ ގޮނޑި ގެއްލުވާނެ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފަ އެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved