

ފަނޑިޔާރުން ސަސްޕެންޑްކޮށް އުފައްދާފައިވާ ހާލަތަކީ ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށް ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ހާމަކުރައްވައިފިއެވެ.
އެކަމަނާގެ ގާނޫނީ ވަކީލުންގެ ފަރާތުން އާންމުކުރި ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑުކޮށް ފަނޑިޔާރުންގެ މައްސަލަތައް ބަލަނީ ނެތް ހާލަތެއް އުފައްދައިގެންނެވެ. އެގޮތުން އެކަމަނާ ސަސްޕެންޑުކޮށް، ހަމަ އެ ދުވަހުގެ ވަގުތެއްގައި އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށް ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން އަންގާފައިވާއިރު، އެ މައްސަލަތަކަކީ އަސްލެއް އަދި އަސާސެއް ނެތި ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއްގެ ގޮތުގައި ޑރ އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ސިފަކުރައްވައިފައިވެއެވެ.
26 ފެބްރުއަރީ 2025 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ތާވަލު ކުރެވިފައި އޮތް އަޑުއެހުމަކަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ސަސްޕެންޑު ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާފައި ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަނޑިޔާރު ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަމުން ގެންދާކަމަށް ބުނެ ނަމަވެސް ސަސްޕެންޑް ކުރި ފަހުންވެސް ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔައިރުވެސް އެކަމަނާ ހާޒިރުކޮށް އޭސީސީއިން އެއްވެސް ކަމަކާ ސުވާލުކޮށް ނުވަތަ އެފަދަ މައްސަލައެއް ބަލާކަން ވެސް އަންގާފައި ނުވާކަން ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން އެހެންކަމުން އަސާސެއް އޮތް ތަހުގީގެއް އެ ކޮމިޝަނުން ކުރައްވާ ކަމާމެދު ސުވާލު އަޒްމިރަލްދާގެ ފަރާތުން ސުވާލު އުފައްދާފައިވެއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރޭ ނޫސްބަޔާން pic.twitter.com/DqPrmX1CLK
— Shameel & Co. LLP (@scoattorneys) March 6, 2025
މީގެ އިތުރުން ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރު ކުރި އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ބަންދުން ދޫކުރުވުމަށް ނުފޫޒު ފޯރުވިކަމަށް ބުނެ ކުރާ ތުހުމަތަކަށް ރައްދުދެއްވާ އަޒްމިރަލްދާ ވަނީ އެ މައްސަލައިގައި އެއްވެސް ފަނޑިޔާރަކަށް ގުޅާފައިވެސް ނުވާނެ ކަމަށާއި، އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާއެކު ޖޭއެސްސީއަށް އެކަމަނާ 27 ފެބްރުއަރީ 2025ގައި ސިޓީއަކުން ދަންނަވާފައިވާނެ ކަމަށް ބަޔާން ކުރައްވާފައެވެ.
އޭސީސީއިން މައްސަލައެއް ބަލަނީ ކަމަށް ބުނެ ފަނޑިޔަރުން ސަސްޕެންޑްކޮށްގެން އުޅެނީ ނެތް ހާލަތެއް އުފަން ކޮށްގެން ކަމަށް ވިދާޅުވި ޑރ އަޒްމިރަލްދާ ވަނީ ފަނޑިޔާރަށް އެ މައްސަލަތަކުގައި އިންސާފު ހޯދަން ހުރަސްއެޅިފައިވާ ކަމަށް ބުނެ، އެ މައްސަލަތަކުގައި މުއައްސަސާއަތަކާއި ދައުލަތް ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން ގާނޫނުގެ ވެރިކަމަށް ރުޖޫއަވެ، ގާނޫނާ އެއްގޮތަށް އަމަލުކުރުމަށް ސަރުކާރަށް އިލްތިމާސްކުރައްވާފައިވެއެވެ.
އަޒްމިރަލްދާގެ އިތުރުން ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރަކު ސަސްޕެންޑްކުރީ ކޮރަޕްޝަންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ކުއްލި ގޮތަކަށެވެ. އެވަގުތަކީ އެންޓި ޑިފެކްޝަންއާ ގުޅޭ ގޮތުން އެ ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފައިވަނިކޮށް އެ މައްސަލަ ސުޕްރީމު ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ވަކާލާތު ކުރުމުން ވެސް ދައުލަތުގެ އެ ވަކާލާތާ ދެކޮޅަށް މައްސަލަ ބެލޭނެ ކަމަށް ނިންމާ މައްސަލައިގެ އަޑު އެހުންތައް ކުރިއަށް ގެންދަނިކޮށްކަން ފާހަގަކޮށްލެވެއެވެ.