ބަންޑާރަނައިބު އަހުމަދު އުޝާމް، ރައީސް މުއިއްޒާ އެކު: / ރައީސް އޮފިސް
ހަބަރު
އޭޖީ އުޝާމް ސުޕްރީމު ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ މައްސަލަ ކޯޓަށް ހުށަހަޅައިފި
Mariyam Isaadha
މަރިޔަމް އިސާދާ
06 މާރިޗު 2025
މާލެ ސިޓީ

ދައުލަތުގެ ބަންޑާރަ ނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ އެމަނިކުފާނުގެ މައްޗަށް ފިޔަވަޅު އަޅައިދޭން އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ.

އަލީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ މައްސަލަ އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އޭނާ ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލާގައި ކޯޓުން އަންގާފައިވާ މުއްދަތުގައި ޖަވާބުދާރީވެފައިނުވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅޭ އެ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ ދައުވާއަށް ޖަވާބުދާރީވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް 10 ދުވަހުގެ މުއްދަތެއް ދިން ނަމަވެސް، އެ މުއްދަތު ހަމަވިއިރު ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ޖަވާބެއް ހުށަހަޅާފައިނުވާ ކަމަށާއި އަދި އެ މުއްދަތު އިތުރު ކުރަން ވެސް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް ކޯޓުން މައުލޫމާތު ދީފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ގަވާއިދުގައިވާ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަންވުމަކީ އެ އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި އެފަދަ އަމުރުތަކަށް ކިޔަމަން ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާފައިވާތީ ބަންޑާރަ ނައިބުގެ މައްޗަށް ފިޔަވަޅު އަޅައި، އެ މައްސަލާގައި ޖަވާބު ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހަށް އަންގައި ދިނުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ފޮނުއްވި ސިޓީގައި އަލީ ހުސައިން ވަނީ އެދިވަޑައިގެންފަ އެވެ.

އަލީ މި ފަދަ މައްސަލައެއް ހުށަހަޅުއްވާފައިވާއިރު މެމްބަރުންގެ ގޮނޑި ގެއްލޭ ބިލުގެ މައްސަލަވެސް އަލީ ސުޕްރީމު ކޯޓަށް ހުށަހަޅާ އެ މައްސަލަ ކުރިއަށް ގެންދަނިކޮށް ސުޕްރިމު ކޯޓުގެ ތިން ފަނޑިޔާރަކު ކުއްލި ގޮތަކަށް ސަސްޕެންޑްކޮށް މިހާރު އޭގެ ތެރެއިން އެއް ފަނޑިޔާރަކު ވަނީ އިސްތިއުފާވެސް ދެއްވާފައިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved