March 9, 2026
Advertisement
ޕީއެންއެފްގެ އެސްޖީ މަލީހް
ޕީއެންއެފްގެ އެސްޖީ މަލީހް / މިހާރު

އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރެވޭ ވަރު މީހަކާ ހަވާލުކޮށް، މުއިއްޒު ގެއަށް ކަނޑާލާ: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Mar 7, 2025, 01:36 AM
މާލެ ސިޓީ

އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރެވޭ ވަރު މީހަކާ ހަވާލުކުރުމަށް ފަހު ރައީސް މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވާ ގެއަށް ވަޑައިގަންނަވަން ވެއްޖެ ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވެފައިވަނީ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އައްޑޫގެ ރައްޔިތުންނަށް ކަރަންޓުގެ އަސާސީ ޚިދުމަތް ރަމަޟާން މަހުވެސް ނުލިބޭތީ އިހުތިޖާޖަށް ނުކުތުމަށް ގޮވާލާފައިވާ ޕޯސްޓަރެއް ހިއްސާކުރައްވާ މަލީހު ވިދާޅުވީ، އަހަރަކަށް ވުރެ ގިން ދުވަސް ވެރިކަމަށް ވެގެން ދިޔައިރު ވެސް އައްޑޫ ސިޓީގެ ކަރަންޓަށް ހައްލު ނުގެނެވުނު ކަމަށާ އެހެންކަމުން އައްޑުގެ ކަރަންޓަށް ހައްލު ހޯދައިދެވޭ ވަރުގެ ގާބިލު މީހަކާ ހަވާލުކުރުމަށް ފަހު މުއިއްޒު ގެއަށް ވަޑައިގެންނެވުމުން ކަންކަން ހުންނާނީ ރަގަޅަށްކަމަށް މަލީހު ވިދާޅުވިއެވެ.

"އަހަރަކަށް ވެނެ ގިނަ ދުވަސް ވެގެން ގޭ ކޯ އައްޑޫ ކަރަންޓަ މައްސަލާސް މުއިއްޒަކަސް ހައްލުނިވި. ދެން ރަނގަޅަވޭނެއި މިކަން ވޭވަރަ މީހަކައި ހަވާލަކޮށްފެއި މުއިއްޒު ގެއް ކަނޑަލިމައި" އައްޑޫ ބަހުރުވައިން މަލީހު ކޮށްފައިވާ ޕޯސްޓުގައިވެއެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރަމަޟާން މަހުގެ ކުރިން އައްޑޫގެ ރައްޔިތުންނަށް ކަރަންޓުގެ މައްސަލައަށް ހައްލު ހޯދައިދެވޭނެ ކަމަށް ސަރުކާރުން ހާމަކޮށް ބައިސާ ކަނޑާފައިވެއެވެ. ނަމަވެސް ރަމަޟާން މަސް ފެށި ހަ ރޯދަ ހިފާ ނިމުނު އިރުވެސް އައްޑޫގެ ކަރަންޓުގެ މައްސަލައަށް ހައްލެއް ނުލިބި އެންމެ ނުގަޑިތަކުގައިވެސް ކަރަންޓު ކަނޑަމުން ގެންދާތީ ރައްޔިތުންނަށް އެތައް ތަކުލީފެއް ޖެހި ނުުރުހުން ސަރުކާރަށް އަމާޒުވަމުން ދެއެވެ.

އައްޑޫގެ ކަރަންޓުގެ މައްސަލަ ސަރުކާރުން ވައުދުވީ ގޮތަށް ރޯދައިގެ ކުރިން ހައްލުނުވުމުން މި ސަރުކާރަށް ނިސްބަތްވާ އައްޑޫގެ ވެރިން އެކަން ވެސް ޖާމިނުކުރަނީ "ކުރީ ސަރުކާރާ"އެވެ. ނަމަވެސް ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ރައްޔިތުންނަށް ޚިދުމަތްފޯރުކޮށްދިނުމުގައި އުޒުރަކަށް "ކުރީ ސަރުކާރު" އެމަނިކުފާނު ބޭނުން ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved