
އެއްވެ އުޅުމުގެ މިނިވަންކަމާއި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އެޅުމާއި ގުޅިގެން ޕީޕަލްސް ނޭޝަނަލް ފްރަންޓް ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ކަންބޮޑުވުން ފާޅު ކުރައްވާފިއެވެ.
މަލީހުވަނީ އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެކްސްގައި ޕޯސްޓެއްކޮށްފައެވެ.
އެ ޕޯސްޓުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ރޭ ބޭއްވި ކުއްލި އެއްވުމުގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ރީޓްވީޓް ކުރައްވާފަވެއެވެ.
އެގޮތުން ސުލްހަވެރި މުޒާހަރާ ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ލިބިދޭ ހައްގެއްކަމަށް މަލީހުވަނީ ފާހަގަ ކުރައްވާފައެވެ.
އެފަދަ ހައްގުތަކަށް ސަރުކާރުން ހުރަސް އަޅައިގެން ނުވާނެކަމަށްވެސް އޭނާގެ ޕޯސްޓުގައިވަނީ ފާހަގަ ކުރައްވާފައެވެ.
ރައްޔިތުންނަށް އަނިޔާވެރިވުމަކީ ހުއްޓާލަން ޖެހޭ ސަގާފަތެއްކަން ފާހަގަ ކުރައްވާ އެއީ ފެހި ގާނޫނު އަސާސީ އާއި ވެސް ހިލާފު އަމަލެއްގެ ގޮތުގައި ސިފަކޮށް އެކަމާއި ގުޅިގެން މަލީހު ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.
ރޭ އެމްޑީޕީން ބޭއްވި ސުލްހަވެރި އެއްވުމަށް ހުރަސް އެޅުމުގެ ގޮތުން ބާރުގެ ބޭނުން ކުރުމަށްފަހު މުޒާހަރާ ރޫޅާލިކަަންވެސް ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އިންޒާރު ދިނުމަކާއި ނުލާ ޕެޕަރ ސްޕްރޭ ޖެހުމަށްފަހު ރައްޔިތުންނަށް އަނިޔާވެރިވަމުން ދިޔަކަންވެސް ފާހަގަކޮށްލެވެއެވެ.










