ޕީއެންސީގެ ޕާލިމެންޓް ޕީޖީގެ ވެރިން / ރައްޔިތުންގެ މަޖިލިސް
ސިޔާސީ
މަޖިލީހުގެ ރައީސް ކަމަށް އަންނަން ޕީޖީ ލީޑަރު ފަލާހު "ހަމަ ހިމޭން" ސައްލާ އެއް ފަށައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
10 މާރިޗު 2025
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް އަބްދުﷲ ދުރުކޮށް އެ މަގާމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް އައުމަށް އޭނާ "ހަމަ ހިމޭން" ސައްލާ އެއް ޕީއެންސީގެ މަޖިލިސް މެންބަރުންނާއި އެކު ފަށައިފި ކަމުގެ ހަބަރުތަކެއް ލިބިއްޖެ އެވެ.

ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ އިސް ސަފުގައި ހިމެނޭ ދެ މަސްދަރަކުން "ޗެނަލް 13" އަށް ރޭ ބުނީ ފައިސަލް ވަކި ކުރުމުގެ ކުރިން މިހާލަތަށް ސަރުކާރުން ތައްޔާރުވި ކަމަށާއި އަދި ފައިސަލް ވަކިކުރުމާއިއެކު ދައުލަތުގެ އަނެއްބާރުގެ ރިޔާސަތުގައި އިންނަވައިގެން ފައިސަލްގެ ބައްޕަ އަޅާފާނެ ހުރިހާ ފިޔަވަޅަކަށް ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ "އެލީޓް" ޓީމް ތައްޔާރުވި ކަމަށެވެ.

އަދި ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބެއްލެވުމުގެ ދަށުން މަޖިލީހުގެ ރިޔާސަތަށް ފާރަވެރިވުމުގެ ހަރަކާތް ފައިސަލް މަގާމުން ދުރުކުރި ދުވަހުން ފެށިގެން ކުރިއަށް ދާ ކަމަށެވެ.

އޭނާ އަދި ބުނީ އަދުރޭ ވަކިކުރުމާ މެދު ޕީއެންސީގެ ޕީޖީގެ ބައެއް މެންބަރުން ފާޅުގައި ދެކޮޅެވެ. އެ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ ބައެއް މެންބަރުން ދެކިލައްވާ ގޮތުގައި އަދުރޭ ވަކިކުރުން ވެގެންދާނީ ރައީސް މުއިއްޒު ހައްދަވާނެ ބޮޑު ގޯހެއް ކަމަށެވެ.

"ޗެނަލް 13" އަށް މައުލޫމާތު ދެމުން ޕީއެންސީގެ އަނެއް މަސްދަރުން ބުނީ ފައިސަލްގެ މަގާމު ގެއްލުމުގެ ކުރިން އަބްދުއްރަހީމް އަށް ރައީސްގެ "އިތުބާރު" ގެއްލިއްޖެ ކަަމަށާއި އެކަން އަދުރޭ އަށް ރައީސް އެންގެވި ފުރަތަމަ ފަހަރަކީ ފައިސަލް ގެ އަށް ފޮނުވާލުމެވެ.

އެހާ ހިސާބުން އަބްދުއްރަހީމް ވެސް އިސްތިއުފާ ދިނުމަށް ރައީސް އެދިވަޑައިގަތް ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުގައި މަޖިލީހާއި ގުޅުންހުރި ބޮޑު މައްސަލައެއް އޮތުމުން ހާލަތަށް ބަލާ މަޖިލީހުގެ ރިޔާސަތު "ބަދަލު ކުރުމުގެ އަޑު" ގަދަވާން ބޭނުން ނުވީ ކަމަށެވެ.

އޭނާ އިތުރަށް ބުނީ ސުޕްރީމް ކޯޓުގެ މިހާރުގެ ހާލަތާއި އެކު ރައީސް އަށް އިސްތިއުނާފީ ކޯޓުގެ ކޮންޓްރޯލް ވެސް ލިބޭނެ ކަން މިހާރު ކަށަވަރުވުމުން މަޖިލީހުގެ ރިޔާސަތުން އަބްދުއްރަހީމް ދުރުކޮށް އެ މަގާމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް ގެނައުމަށް ފަލާހް ހިންގަން ޖެހޭ ކެންޕެއިން ހިންގުމަށް ފަލާހު އަށް އެ ހުއްދަ ރައީސް ދެއްވައިފަ ވާކަމަށެވެ.

އަދި މިހާރު ފަލާހު ކުރައްވާ މަސައްކަތަކީ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ރުހުން ހޯދުން ކަމަށެވެ. މި ކަމަށް ތައްޔާރުވެ ފަލާހު "ހަމަ ހިމޭން" ސައްލާ އެއް ފަށައިފި ކަމަށް އޭނާ ރޭ ވިދާޅުވި އެވެ. އަދި އެފަދަ އެއް ބައްދަލުވުމަށް ހާޒިރުވި ކަމަށް ވެސް ނަން ނުޖަހަން އެދި އޭނާ "ޗެނަލް 13" އަށް މައުލޫމާތު ދިނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ރައީސް ކަމަށް އައުމަށް މަސައްކަތް ކުރައްވާތޯ އެހުމުން އޭނާ ބުނީ "ޖ" ނާޒިމް އެއީ ރައީސްގެ ޗޮއިސް އެއް ނޫން ކަމަށެވެ.

މިކަމާއި ގުޅިގެން ފަލާހުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު ކުރިން އޮތް ގާތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުގެ މަގާމުން މިދިޔަ ވަކިކުރެއްވުމާ އެކު އަބްދުއްރަހީމް ހުންނެވީ ވަރަށް ބޮޑަށް ހިތްޕުޅުހަމަޖެހިވަޑައިނުގެންފަ އެވެ.

ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގުޅުން ރަނގަޅު ނަމަ އެފަދަ ފިޔަވަޅެއް ރައީސް މުއިއްޒު ނާޅުއްވާނެ ކަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފަ އެވެ.  އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އޭނާ އިންތިހާބުކޮށް ދެއްވީ މަޖިލީހުގެ މެންބަރުން ކަމަށާއި އެ ގޮނޑީގައި އިންނަވަނީ މިނިވަންކަމާ އެކު ނުފޫޒެއް ނެތި ކަމަށް ވެސް އަބްދުއްރަހީމް މިފަހުން ވިދާޅުވި އެވެ.

ވަރަށް ދެރަވަރުކޮށް މި ދިޔައީ. މިކަން މިގޮތަށް ބަދަލުވާން ޖެހޭ ސަބަބެއް ނޭނގޭ. އަޅުގަނޑުގެ ފަރާތަކުން ހަމަ ގައިމު ވެސް ނޯންނާނެ ރައީސުލްޖުމްހޫރިއްޔާއަށް ސަރުކާރަށް ދެރަވާނޭ، އަބުރަށް ހުތުރުވާނެ މިކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯންނާނެ. [ރައީސް] އެދިވަޑައިގެންނެވި ހުރިހާ ކަމެއް އެދިވަޑައިގެންނެވި ގޮތަކަށް އަޅުގަނޑު ވެސް ފައިސަލް ވެސް ކުރަމުން މި ދަނީ، މި ވެރިކަން ފެށުނުއިރު [ރައީސް މުއިއްޒުއާ އެކު] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަކަށް ނުހިނގާނެ،

- އަބްދުއްރަހީމް

ނަމަވެސް މިފަހުން ޕީއެންސީގެ ބައްދަލުވުންތަކާއި ޕީޖީގެ މީޓިންތަކުން އަބްދުއްރަހީމްގެ ބައިވެރިވުމާއި އޭނާގެ އަޑު ސިޔާސީ ޖައްވުން ވަނީ މަޑުވެފަ އެވެ، އަދި އޭނާގެ އަރިސް މީހުން ސަރުކާރުގެ ސިޔާސީ މަގާމު ތަކުން ވެސް އަންނަނީ ވަކިކުރަމުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved