

ކުރިއަށް އޮތް ދެ ދުވަހު މޫސުން ގޯސްވާނެ ކަމަށް ސަމާލުވުމަށް މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ހާމަކުރާ ގޮތުގައި އަންގާރަ ދުވަހާއި ބުދަ ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހެމުންދާނެ ކަމަށާ އެހެންކަމުން އެ ދެ ދުވަހުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ހާމަކޮށްފައިވެއެވެ.
އެގޮތުން އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެެނީ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
އުތުރު އަދި މެދުރާއްޖެތެރެއަށް ކުރިއަށް އޮތް ދެ ދުވަހު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.
އުތުރާއި މެދު ރާއްޖެ ތެރެއަށް ބޮޑަށް ވިއްސާރަ ވާނެ ކަމަށް ލަފާ ކުރާއިރު ދެކުނުގެ އަތޮޅުތަކަށް ވެސް ކޮންމެ ވެސް ވަރަކަށް ވިއްސާރަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.
އެހެންކަމުން ކުރިއަށް އޮތް ދެ ދުވަހުވެސް މޫސުން ގޯސްވާނެތީ މެޓް އޮފީހުން ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.