

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސްގެ ކޮރަޕްޝަންގެ މައްސަަލައެއް އެ ކޮމިޝަނަށް، ސުޕްރީމު ކޯޓުގެ ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ ފަރާތުން ހުށަހަޅުއްވައިފިއެވެ.
އަޒްމިރަލްދާގެ ފަރާތުން އޭސީސީގެ ރައީސް އާދަމް ޝާމިލުގެ މިފަދަ މައްސަލައެއް އޭސީސީއަށް ހުށަހަޅާފައި މިވަނީ މާދަމާގެ ވަގުތެއް ޖޭއެސްސީއަށް އަޒްމިރަލްދާ ހާޒިރުވާން އަންގާފައިވެް ވާ ދަނޑިވަޅެއްގައެވެ.
އަޒްމިރަލްދާގެ ފަރާތުން ހުށަހެޅުއްވި މައްސަލައިގައި ވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމުން އަޒްމިރާލްދާ ސަސްޕެންޑު ކުރީ "ޖިނާއީ ތަހުގީގެއް" ހިންގަމުންދާ ކަމަށް ބުނެ ޝާމިލް ސޮއިކޮށް ފޮނުވި ސިޓީއަކަށް ބިނާކޮށް ކަމަށް ވީ ހިނދު އެ ސިޓީގައި ގިނަ މައްސަލަތަކެއް ހުރި ކަމަށާއި އެ ކޮމިޝަނުން އަމަލުކޮށްފައި ވަނީ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ކަމަށް ފާހަގަކޮށްފައެެވެ.
އެގޮތުން ޝާމިލް ސޮއިކުރި ސިޓީގައި ސިޓީ ނަންބަރެއް ނެތުމާ ޖޭއެސްސީއަށް އަޒްމިރަލްދާގެ ޖިނާއީ ތަހުގީގެއް ހިންގާކަން އެންގިއިރު އެފަދަ ތަހުގީގެއް އޭނާގެ މައްޗަށް ކުރަން އޭސީސީން ނިންމާފައި ނުވާކަން އަޒްމިރާލްދާ ހުށަހެޅުއްވި މައްސަލައިގައި ފާހަގަކުރައްވާފައިވެއެވެ.
ހަމައެހެންމެ ފަނޑިޔާރުން ސަސްޕެންޑު ކުރުމާ ހަމައަށް ވެސް މައްސަލަ އޮތީ ޕްރީ-އިންވެސްޓިގޭޝަން މަރުހަލާގައި ކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން، ޝާމިލް ޖޭއެސްސީއަށް ދީފައިވަނީ ދޮގު މައުލޫމާތުކަން ހާމަވާ ކަމަށް ވެސް އެ މައްސަލާގައި ބަޔާންކޮށްފައިވެއެވެ.
އެފަދަ ސިޓީއެއް ޝާމިލް ޖޭއެސްސީއަށް ފޮނުވީ ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހުއްޓުވާލައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށް ވެސް އަޒްމިރާލްދާގެ މައްސަލާގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ޝަރީއަތެއް ހުއްޓުވާލައި ފަނޑިޔާރުން ސަސްޕެންޑު ކުރުވުމަށް ސިޓީ ފޮނުވާފައި ވަނީ، ސުޕްރީމް ކޯޓުގައި އޮތް މައްސަލަ ކުރިއަށް ނުގެންދެވުމަށް މައްސަލަ ރައްދުވާ އެޓާނީ ޖެނެރަލްގެ ފަރާތުން ބޭނުންވާތީ އެ މަގުސަދު ހާސިލުކޮށްދިނުމަށާއި، އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ ފަރާތެއް ކަމަށް އެ ކޮމިޝަނުގެ ގާނޫނަށް ގެނެވުނު 3 ވަނަ އިސްލާހުގައި ކަނޑައަޅާފައިވާތީ އަމިއްލަ މަގާމު ދިފާއު ކުރުމުގެ މަސްލަހަތުގައި ކަމަށް އޭސީސީއަށް އަޒްމިރަލްދާ ހުށަހެޅުއްވި މައްސަލައިގައި ތުހުމަތުކުރައްވާފައިވެއެވެ.
އެހެންކަމުން ޝާމިލްގެ އަމަލުތަކަކީ ރަސްމީ ހައިސިއްޔަތު ނުވަތަ އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި އެކަމުގައި މަންފާ ލިބެން ނުޖެހޭ ފަރާތަކަށް މަންފާ ހޯދައިދިނުމުގެ މަގްސަދުގައި ކޮށްފައިވާ އަމަލެއް ކަމަށް ވެސް ޝާމިލްއަށް އެޑްރެސްކޮށް ފޮނުވި މައްސަލައިގެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.