އެމްއެމްއޭ މައި އޮފީސް / އެމްއެމްއޭ
ހަބަރު
ސަރުކާރުން ފައިސާ ޗާޕު ކުރާތީ އެކަމާއި ދެކޮޅު ހައްދަވާ އެމްއެމްއޭގެ ބޯޑުން އިތުރު ބޭފުޅަކު އިސްތިއުފާ ދެއްވައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
11 މާރިޗު 2025
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ ހިލާފަށް ރިކޯޑު މިންވަރަކަށް 14 ބިލިއަން ރުފިޔާއަށް ވުރެ ގިނައިން ޗާޕު ކުރަން ނިންމުމުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑުން ޝުހާދު އިބްރާހިމް ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ އިސްތިއުފާ ދެއްވާފައި މި ވަނީ ހުޅުމާލެއިން ބިމެއް ގަތުމަށް އެމްއެމްއޭއިން އެޗްޑީސީއަށް 14 ބިލިއަން ރުފިޔާ ދައްކަން މިދިޔަ ހަފްތާ ބޯޑުން ނިންމި ނިންމުމާ ވިދިގެންނެވެ.

އޭނާ މިއަދު އިސްތިއުފާ ދެއްވިއިރު، ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރެއްވި އަހުމަދު ޒަޔާން މުހައްމަދު ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފަ އެވެ. ޒަޔާންއަކީ ސަރުކާރުގެ އިކޮނޮމިސްޓެކެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ ޑެޕިއުޓީ ގަވަރުނަރުކަމުން އަހުމަދު އިމާދު ވަކިކުރަން ވެސް ހުށަހަޅާފަ އެވެ. އެ ގޮތަށް ހުށަހެޅީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އާދިއްތަ ދުވަހު ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފައެވެ.

ރައީސް ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާ އެކުގައެވެ. ނަމަވެސް، އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ.

އެކަމާ ގުޅިގެން ސަރުކާރުން އަދި ރަސްމީ ގޮތެއްގައި އެ ވާހަކައެއް ނުދައްކައެވެ.



ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved