2024 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލައިފިއެވެ.
ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދުގެ 4 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން މި މަޖިލިސް އެކުލެވިގެންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެމްބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެއް ހިމެނޭ ގޮތަށް 3 ފަނޑިޔާރުންގެ މައްޗަށެވެ.
ފަނޑިޔާރަކު ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހަޅާ ނިންމުންތައް ފިޔަވައި ފަނޑިޔާރުންގެ ޝަކުވާތައް ބަލައި ، ނިންމާ ނިންމުންތައް އިސްތިއުނާފް ކުރުމަށްޓަކައި ފޮނުވަން ޖެހޭނީ އެ މަޖިލީހަށެވެ.
މިފަހަރު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމް އަދި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދެވެ.