

ސަރުކާރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އިން ބިމެއް ވިއްކުމުގެ ނަމުގައި ފައިސާ ޗާޕްކުރަން އުޅޭ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފިއެވެ.
ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި މި ކުއްލި މައްސަލަ ބަލައި ނުގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ނިންމަވާފައިވަނީ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައިގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެއެވެ.
14 ހާސް މިލިއަން (14 ބިލިއަން)އަށް ވުރެ ގިނަ ރުފިޔާ ޗާޕްކުރަން އެމްއެމްއޭގެ ބޯޑުން ނިންމާފައިވާއިރު އެވާހަކަ މީޑީޔާތަކުގައި ގެެނެސްދިނުމުން ސަރުކާރުން އެކަން ދޮގުކޮށްފައިނުވެއެވެ. އެހެންކަމުން އެއީ ހަގީގަތެއް އެކަމުގައި އެކުލެވޭ މައުލޫމާތެއްކަން ޔަގީންވެއެވެ.
ނަމަވެސް މައްސަލަ މަޖިލީހަށް ބަލައި ނުގަތުމަށް، ގޮނޑީގެ ދިފާއުގައި ކޮމްޕްރޮމައިޒްވެފައި ހުރި އަބްދުއްރަހީމު ނިންމެވީ އެއީ މަޖިލީހުގެ ގަވާއިދުގެ 192 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ހުށަހަޅާ މައްސަލަ، ހަގީގަތެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާ ކުއްލި މައްސަލައަކަށް ނުވާތީ ކަމަށް ވިދާޅުވެއެވެ.
ނިއުޝާދުގެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ އެމްއެމްއޭގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދާންޖެހޭނެ އެއްވެސް މަގުބޫލު ސަބަބެއް ނެތް ކަމަށާއި އެފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.
މި ގޮތަށް ސަރުކާރަށް ފައިސާ ހޯދުމަކީ މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓާވެސް ހިލާފު ކަމެއް ކަމަށާއި މަޖިލީހުގެ ހުއްދަ ހޯދުމަކާއި ނުލައި ނުވަތަ ރައްޔިތުންގެ މަޖިލީހަށް އެންގުމަކާއި ނުލައި ކުރާ ކަމެއް ކަމަށް ބުނެފައިވެއެވެ.
މިގޮތަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނިއުޝާދުގެ ކުއްލި މައްސަލައިގައިވެއެވެ.
ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ މިންވަރަކަށް ފައިސާ ޗާޕުކުރަން ސަރުކާރުން ނިންމާފައިވާއިރު، މިއީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދާ ޚިލާފަށް ކުރާ ކަމެކެވެ. އެގޮތުން ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބު ދުވަސްވަރު އަދި އިންތިހާބުވެވަޑައިގަތުމަށް ފަހުވެސް ފައިސާ ޗާޕް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.