

ދުނިޔޭގެ އެންމެ ރީތި ބޭންކް ނޫޓްތަކުގެ ތެރޭގައި ހިމެނޭ ދިވެހި 1000 ރުފިޔާގެ ނޫޓްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފޮޓޯ ޖަހަން މަޝްވަރާކުރަން ފަށައިފި އެވެ.
މިކަން ލީކުކޮށްލީ ޓްވިޓާގައި ކާކުކަން ނޭނގޭ ގޮތަށް ސަރުކާރަށް ފާޑުކިޔައި އެކި މައުލޫމާތުތައް ހާމަކުރަމުންދާ "ހަސަން ކުރުސީ"ގެ އެކައުންޓުންނެވެ.
ހަސަން ކުރުސީގެ އެކައުންޓުން ބުނީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އޭނާގެ ބައެއް ސްޓާފުންނާއިއެކު ދިވެހި 1000 ރުފިޔާގެ ނޫޓްގައި ރައީސް ޑރ. މުއިއްޒުގެ ފޮޓޯ ޖެހުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
ބައެއް ރަސްކަމުގެ ވެރިކަން ހިންގާ ގައުމުތަކުގައި އެގަމުތަކުގެ އިސް ބޭބޭފުޅުންގެ ނަމާއި ސޫރަ ވެސް ސިފަކޮށްދޭ ކުރެހުން ހިމެނޭ ފައިސާފޮތި އަދި ނޫޓް ނެރެ އެވެ. އަދި ބައެއް ގައުމުތަކުގެ ހިދުމަތްތެރި ބޭފުޅުން، ގައުމުގެ އެތައް ބަޔަކު ނަމޫނާއެއްގެ ގޮތުގައި ދެކޭ ޝަހުސިއްޔަތަންގެ ފޮޓޯ ފައިސާގައި ޖަހަ އެވެ. މިފަދަ އެއް ގައުމަކީ އިނގިރޭސި ވިލާތެވެ. އިނގިރޭސި ކުރީގެ ރާނީ އެލިޒަބަތު ހިމެނިވަޑައިގަންނަވާހެން އެކަމަނާގެ ފިރިކަލުން ޕްރިންސް ފިލިޕްގެ ހަނދާނުގައި ފަސް ޕައުންޑްގެ ފައިސާފޮއްޗެއް ވެސް މިފަހުން ނެރުނެވެ.
ބެލެވޭ ގޮތުގައި ގަވަރުނަރުގެ ވިސްނުން އެހުރީ ރަސްކަލެއްގެ ދަރަޖައިގައި ރައީސް މުއިއްޒުގެ ނަމާއި ސޫރަ ވެސް ސިފަކޮށްދޭ ކުރެހުން ދިވެހި ރުފިޔާގެ 1،000ރ ހިމެނުމަށެވެ. ނަމަވެސް މުއިއްޒު އަކީ މި ގައުމަށް ނަމޫނާ އެއް އަދި ޝަހުސިއްޔަތެއްކަމަށް ބެލެވޭނެ ޖާގަ އެއް އެމަނިކުފާނުގެ އުޅުމާއި އަހުލާގުގައި ނެތް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ދިވެހި ރުފިޔާގެ 1،000ރ. ގެ ނޫޓަށް އަކީ ބޭރު މީހުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބިިފައިވާ ނޫޓެކެވެ. ޗުއްޓީ އަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ މެދުގައި މި ނޫޓުގެ މަގުބޫލުކަން މިހާރު ވަރަށް ބޮޑެވެ. ބައެއް މީހުން މި ނޫޓުގެ ފޮޓޯ އާއި ވީޑިއޯ ނަގައި ޓިކްޓޮކާއި އިންސްޓަގްރާމްގައި ވަރަށް ގިނައިން ޝެއާކުރެ އެވެ. އެ މީހުންނަށް ބޮޑަށް ކަމުދަނީ މި ނޫޓުގެ ޑިޒައިނެވެ. ބައެއް މީހުން ބުނެފައި ހުރި ގޮތުގައި، ފައިސާ ނޫޓަކުން މިހާ ރީތި ޑިޒައިނެއް އަދި ނުދެކެ އެވެ.
ދިވެހި ރުފިޔާގެ 1،000ރ. ގެ ނޫޓުގެ އެއްފުށުގައި އިންނަނީ ފެހުރިހީގެ ކުރެހުމެކެވެ. އަދި އަނެއްފުށުގައި އިންނަނީ ވެލައެކެވެ. ޕޮލިމާގައި ޕްރިންޓުކޮށްފައި ހުންނަ މި ނޫޓުގައި ބޭނުންކޮށްފައި ވަނީ ނޫ ކުލައިގެ އެކި ޝޭޑުތަކެވެ.
ރާއްޖޭގައި ކަރުދާސް ނޫޓް ބޭނުންކުރުން ހުއްޓާލައި "ރަންދިހަފަހެއް" ސީރީޒްގެ ޕޮލިމާ ނޫޓުތައް ބޭނުންކުރަން ފެށީ ރައީސް ޔާމީނުގެ ވެރިކަމުގައި 2015 ގަ އެވެ. އެ އާ ނޫޓް ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާގެ ނޫޓްތަކެވެ.
"ރަންދިހަފަހެއް" ނޫޓްގެ ޑިޒައިން ހޮވާފައި ވަނީ އެކަމަށް ބޭއްވި މުބާރާތަކުންނެވެ. އެ މުބާރާތް ކާމިޔާބުކޮށް މި ނޫޓުތަކުގެ ޑިޒައިން ކުރެހީ ދިވެހި ޒުވާނެއް ކަމަށްވާ އަބްދުﷲ ނަޝާތު އެވެ. އެ ނޫޓުތައް ޑިޒައިންކޮށްފައި ވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މާހައުލުގެ ހިތްގައިމުކަން ވަރަށް ބޮޑަށް ފެންނާނެ ގޮތަށެވެ.