ސަރުކާރުން ލަފާކުރި އަދަދަށް އާމްދަނީ އާއި ހިލޭ އެހީވެސް ނުލިބޭކަން ހާމަވެއްޖެ / ރައީސް އޮފިސް
ހަބަރު
ސަރުކާރުން ލަފާކުރި އަދަދަށް އާމްދަނީ އާއި ހިލޭ އެހީވެސް ނުލިބޭކަން ހާމަވެއްޖެ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
13 މާރިޗު 2025
މާލެ ސިޓީ

މިކަން ހާމަކޮށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވީ މި އަހަރުގެ ބަޖެޓް ކޭޝްފްލޯ ޕްލޭނުގައިވާ ގޮތުން ފެބްރުއަރީ މަހާ ހަމައަށް 9.1 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ ކަމަށެވެ. ނަމަވެސް، ޙަޤީޤަތުގައި ލިބިފައިވަނީ 5.5 ބިލިއަން ރުފިޔާ ކަމަށާއި މިއީ 3.6 ބިލިއަން ރުފިޔާގެ ދަށް އަދަދެއް ކަމަށް އަޒާން ވިދާޅުވި އެވެ.

އަދި ހިލޭ އެހީގެ ގޮތުގައި 408 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރި ނަމަވެސް ލިބިފައިވަނީ 40 މިލިއަން ރުފިޔާ ކަމަށާއި ބޭރުގެ ލޯނުގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވާއިރު ލިބިފައިވަނީ 0.3 މިލިއަން ރުފިޔާ ކަމަށްވެސް ވިދާޅުވި އެވެ

ސަރުކާރުން މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައިގެން އެ ތަނުން 15 ބިލިއަނެއްހާ ރުފިޔާ އެމްއެމްއޭއިން ނަގަން މަސައްކަތްކުރާ ދަނޑިވަޅެއްގައި މެންބަރު އަޒާން ވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ވެސް އެދުނު ގޮތަށް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ވަގުތުގައި ތަންފީޒުކުރަން ސަރުކާރަށް ގޮވާލައިފަ އެވެ.

ދައުލަތުގެ އާމްދަނީ ދަށްވި ސަބަބާ ގުޅޭ ގޮތުން މީގެ ކުރިން ނޫސްވެރިން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާ ސުވާލުކުރި ނަމަވެސް އާމްދަނީ ދަށްވާން މެދުވެރިވި ސީދާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ފަހުން ވެސް އެ ސަބަބާ ގުޅޭ ގޮތުން އޭނާ އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އިގުތިސޯދީ އަންދާޒާތަކުގައި ވަރަށް ބޮޑު ނުތަނަވަސް ކަމެއް ފާހަގަކުރެވޭ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ދިވެހި ދައުލަތުގެ މާލީ ހާލަތު ރަނގަޅުވުމުގެ ބަދަލުގައި ފުރުސަތު ބޮޑީ ގޯސްވުން ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން މިދިޔަ ފެބްރުއަރީ 19 ވަނަ ދުވަހު ވަނީ ބުނެފައި އެވެ.

ސަރުކާރުގެ ބޭނުމަށް ފައިސާ ނުލިބޭތީ އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލޭގެ ބޮޑު ބިމެއް، 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ. އެ މަޝްވަރާތައް ސަރުކާރުން މިހާރު ކުރަމުން އަންނައިރު، އާދިއްތަ ދުވަހު ހަވީރު މުލިއާގޭގައި މަޖިލީހުގެ ޕީއެންސީ މެންބަރުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ކަން ކުރަން އުޅުއްވާ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވެރިކަމަށް ވަޑައިގަތީ ކުރީ ސަރުކާރުގައި ފައިސާ ޗާޕު ކުރުމުން ގައުމަށް ލިބުނު ގެއްލުމުން އަރައިނުގަނެވޭ ކަމަށް ވިދާޅުވެ، މި ސަރުކާރުން ފައިސާ ޗާޕުނުކޮށް އިގުތިސާދު ހިންގާނެ ކަމުގެ ވައުދާ އެކުގައެވެ. ނަމަވެސް، އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved