

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ގުޅޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް ވަޑައިނުގެން ރަސްމީ ގަޑީގައި "ޓެކްސީ ކުރައްވަން" އުޅުއްވި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިންގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މިފަހުން ވަނީ ހުށަހަޅައިފަ އެވެ.
ޖޭއެސްސީއަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ އަޑުއެހުން ތާވަލުކޮށްފައިވަނިކޮށް "ޓެކްސީ ޑްރައިވަރަކަށް ވެގެން" ރަސްމީ މަސައްކަތް ދޫކޮށް ހުޅުލޭ އެއާޕޯޓަށް މީހުން އުފުލަން އެ ދުވަހުގެ އަޑުއެހުން ގަސްދުގައި ލަސްކުރަން ކޯޓުން ބޭރުގައި އުޅުއްވި ކަމަށެވެ.
އެ މައްސަލައިގައި ހެކިންގެ ގޮތުގައި ހިމަނާފައި ވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނެވެ.
އަޑުއެހުމަށް ވަޑައިގެންނެވުން ލަސްވާނެކަން ފަނޑިޔާރު އަލީ ރަޝީދު ކުރިއާލައި އަންގަވާފައިނުވާ ކަމަށް ވެސް ޝަކުވާގައި ބުނެފައިވެ އެވެ. އަދި، އެ ދުވަހުގެ އަޑުއެހުމަށް ފަނޑިޔާރު އަލީ ރަޝީދު ވަޑައިގަތީ އެ ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރާއި ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކުރި ކަމުގެ ސިޓީ ކޯޓަށް ލިބުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
ސަސްޕެންޑްކުރި ތިން ފަނޑިޔާރުންގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ދުސްތޫރީ މައްސަލަ ބަލަން ނިންމުމުން އެކަން ހުއްޓުވަން ރައީސް މުއިއްޒު ގާނޫނުއަސާސީއާ ހިލާފަށް ފަނޑިޔާރުންނަށް ބިރު ދެއްކެވި ކަމަށް ތުހުމަތުކުރައްވައި އިސްތިއުފާދެއްވައިފަ އެވެ.
ފަނޑިޔާރު އަލީ ރަޝީދަކީ މަނީ ލޯންޑަރިންގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވި އިރު، ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް ހިންގި ފަސް ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރެވެ.
އޭނާއަށް ސުޕްރީމް ކޯޓުގެ ބެންޗުން ޖާގަ ލިބިވަޑައިގަތީ، ރައީސް ޔާމީންގެ ޝަރީއަތަށް ފަހު، ކުއްލި ގޮތަކަށެވެ.
ކޮންމެ އަކަސް ރާއްޖޭގެ އަދުލުއިންސާފުގެ ދާއިރާއިގެ އެންމެ މަތީ ކޯޓުގައި ތިއްބަވާ ފަނޑިޔާރުން ނުވަތަ ފަނޑިޔާރަކު "ޓެކްސީ ޑްރައިވަރަކަށް ވެގެން" ރަސްމީ މަސައްކަތް ދޫކޮށް މަގުމައްޗަށް ކާރުގައި ޓެކްސީ ކުރަން ނިކުންނެވި ވާހަކައެއް އަދި އަޅުގަނޑު މި އަޑު އެހީ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސެއިން "ޓެކްސީ ކުރައްވަން" އުޅުއްވުން އެއީ ސުލޫކީ މައްސަލައެއް ކަން ނުވަތަ ނޫން ކަން ނިންމަވާނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނެވެ.
އަޅުގަނޑުގެ ސުވާލަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ދައުލަތުން ދޭ މުސާރައާއި އިނާޔަތް ތަކުން ދެކޮޅު ނުޖެހެނީ ހެއްޔެވެ..؟ އާންމު ހިދުމަތެއް ރައްޔިތުންނަށް ދިނުމަށް މަގުމަތީ ޓެކްސީ ކުރަން އުޅެވޭހާ "ފަނޑިޔާރު އަލީ ރަޝީދު" ފިޓު ހެއްޔެވެ.؟ ދެން އޮތް ސުވާލަކީ ޓެކްސީގެ ހިދުމަތަށް އަލަށް ނުކުންނަ މީހުންނާއި އެ ހިދުމަތުގައި މަސައްކަތްކުރާ މީހުން އިތުރަށް ތަމްރީނު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބާއްވާ ތަމްރީން ޕްރޮގްރާމް "ފަނޑިޔާރު އަލީ ރަޝީދު" ފުރިހަމަ ކުރެއްވި ހެއްޔެވެ..؟
ޓެކްސީ ޑްރައިވަރުން ތަމްރީން ކުރުމާއި ތާޒާކުރުމުގެ ޕްރޮގްރާމަކީ ކޮންމެ އަހަރަކުވެސް ހަތަރު ބުރަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަ ކުރުމަށް ގަވާއިދުގައި ލާޒިމުކުރާ ތަމްރީނެކެވެ.
"ޗެނަލް 13" އަށް ލިބުނު މައުލޫމާތައް ބަލާއިރު "ފަނޑިޔާރު އަލީ ރަޝީދު" މި ދެންނެވި ތަމްރީން ފުރިހަމަ އެއް ނުކުރައްވަ އެވެ. އެހެން ކަމުން ޖޭއެސްސީއަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ފަނޑިޔާރު އަލީ ރަޝީދު އަށް ތުހުމަތުކޮށްފައިއެވާ "ޓެކްސީ ޑްރައިވަރަކަށް ވެގެން" އުޅޭ އުޅުން އެއީ ވަރަށް ބޮޑު ގޯހެކެވެ.