

ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖަށް ފޮނުވާ 50 މީހުންގެ ދިރިއުޅުމުގެ ހާލަތު ވަކިވަކިން ބެލުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ދާން ފަގީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ހައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ހާލަތު ބަލައި ފަގީރުންގެ ޝަރުތަށް ފެތޭކަން ކަށަވަރުކޮށްފައި ކަމަށެވެ.
އޮޅުވާލައިގެން މައުލޫމާތު ދީގެން ފަގީރުންގެ ދަފްތަރުގައި ޖެހިފައިވާކަން ސާބިތުވެއްޖެނަމަ ހައްޖުގެ ފުރުސަތު ގެއްލޭނެ ކަމަށްވެސް ޝަހީމު ވިދާޅުވި އެވެ.
މި މައްސަލައަކީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން ފެންމަތިވެފައިވާ މައްސަލައެކެެވެ.
ދައުލަތުގެ ހަރަދުގައި 1،000 ފަގީރުން ހައްޖަށް ފޮނުވުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް، މިދިޔަ އަހަރު ވަނީ 50 ފަގީރަކަށް އެ ފުރުސަތު ދީފަ އެވެ.
އަދި ސަރުކާރުގެ ހަރަދުގައި މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތުދޭ ފަގީރުން މިހާރު ވަނީ ހޮވައިފަ އެވެ.
މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ، ކޮންމެ އަހަރެއްގެ ފަގީރުންގެ ލިސްޓަކީ އަދާހަމަކުރާ ލިސްޓެއް ކަމަށާއި، ކޮންމެ އަހަރަކު ވެސް ހައްޖަށް ފޮނުވާނީ އާ ބަޔަކު ކަމަށެވެ.
ސަރުކާރުުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުންނަކީ ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބަލަހައްޓަމުން ގެންދާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނެވެ. ޒަކާތު ހައުސް އިން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފަގީރުންގެ ދަފްތަރު މުރާޖައާވެސް ކޮށްފަ އެވެ.
މުދަލު ޒަކާތް ހައްގުވާ ފަގީރުންގެ ދަފުތަރުގައި އުމުރުން 50 އަހަރާއި 69 އަހަރާ ދެމެދުގެ 982 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން ހިލޭ ހައްޖު ކުރުމުގެ ފުރުސަތު ލިބުމަށް 600 އަށް ވުރެ ގިނަ މީހުން ޝަރުތު ހަމަވެ އެވެ.