

އދ. ދިގުރަށް ކައުންސިލުން ކަނޑައަޅާފައިވާ ފީ ނުދޭ ޓޫރިސްޓުން އެ ރަށުން ބޭރުކުރާ މައްސަލައިގެ ތަހުގީގެއް ކުރަން ސަރުކާރުން ނިންމައިފި އެވެ.
ދިގުރަށު ގޮނޑުދޮށުގައި ހުރި ޓޫރިސްޓަކު ފޭބުމަށް ކައުންސިލްގެ ރައީސް އިބްރާހީމް އުސްމާން އަތުން އިޝާރާތްކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މިޑީއާގައި ދައުރުވި އެވެ.
އެ ވީޑިއޯއާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ބައެއް ބޭފުޅުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެއީ، ޓޫރިސްޓުންނަށް މަރުހަބާ ކިޔުމުގައި ރާއްޖެއަށް ލިބިފައިވާ ރީތި ނަން ކިލަނބުވެގެން ގޮސްދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް އެ ބޭފުޅުން ދެކެވަޑައިގަންނަވަ އެވެ.
އެ މައްސަލައާ ގުޅިގެން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، އެއީ ހިތާމަވެރި ހާދިސާއެއް ކަމަށާއި، އެކަމުގެ ވަށައިގެންވާ ހާލަތު ދެނެގަތުމަށް ސަރުކާރުން އިންކުއަރީއެއް ހިންގާނެ ކަމަށެވެ.
އާދަމް ޝަރީފް ވިދާޅުވީ ރަށްރަށުގައި ކަނޑައަޅާފައި ހުރި ގަވައިދުތަކާއި މިންގަނޑުތަކަށް އިހުތިރާމް ކުރުމުގައި ދެމިތިބި ނަމަވެސް ރަށްތަކަށް ހިތްވަރުދެނީ ފަތުރުވެރިންނަށް ވެސް މަރުޙަބާ ކިޔުމަށް ކަމަށެވެ. އަދި އެ މިންގަނޑުތައް ދަމަހައްޓައި، ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާގޮތެއްގައި ކުރިއެރުވުމަށް ކަމާބެހޭ އެންމެހާ ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދިގުރަށުގެ ބައެއް ބީޗްތަކާއި ތުނޑިތަކުގައި ޓޫރިސްޓުން އުޅޭކަމަށްވާ ނަމަ ރަށުން ބޭރު ގެސްޓްހައުސްތަކުން ފަތުރުވެރިއެއްގެ ބޮލަކަށް ތިން ޑޮލަރު އަދި ސަފާރީ ބޯޓްތަކުން ބާބަކިއު ހަދާކަމަށްވާ ނަމަ ބޮލަށް ފަސް ޑޮލަރު ނަގަ އެވެ. އަދި ރަށުގެ ގެސްޓްހައުސްތަކުން ވެސް ކައުންސިލަށް ފައިސާ ދައްކަން ޖެހެ އެވެ.
ލޯކަލް ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ދިގުރަށުގެ ވިޔަފާރި އެންމެ ބޮޑަށް ބަރޯސާވެފައި އޮތީ އެރަށުގެ ދިގު ތުނޑިއަށެވެ.