

މާލޭގެ ޑެޕިއުޓީ މޭޔަރަކަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަރީޝް މިއަދު އިންތިހާބުކޮށްފި އެވެ.
އަރީޝް މި މަގާމަށް އިންތިޚާބުކުރީ މިއަދު އޮތް މާލޭ ސިޓީ ކައުންސިލުގެ ހަތަރުވަނަ ދައުރުގެ 188ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ކައުންސިލަރުންގެ ތެރެއިން ޑެޕިއުޓީ މޭޔަރުކަމަށް ކުރިމަތިލެއްވީ ވެސް އަރީޝް އެކަންޏެވެ. އިންތިޚާބުގައި 16 ކައުންސިލަރުން ބައިވެރިވިއިރު، އެ ހުރިހާ މެންބަރުން ވެސް ވޯޓު ދިނީ އަރީޝް އެ މަގާމަށް ހޮވަން ފެންނަ ކަމަށެވެ.
އަރީޝް ސިޓީ ކައުންސިލަށް ހޮވިވަޑައިގަތީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެރިކަން ލިބިވަޑައިގަތުމާއެކު އޭނާ ވަނީ ޕީއެންސީއަށް ސޮއިކުރައްވައިފަ އެވެ.
މާލޭ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރުގެ މަގާމު ހުސްވީ މިދިޔަ ބުދަ ދުވަހު އަހުމަދު ނަރީޝް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.