

މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ ހޫނުވެފައި އޮއްވައި، އެކަމާ ދެކޮޅު ހައްދަވައި، ނިންމުންތަކާމެދު ހިތްހަމަޖެހިވަޑައިނުގެން، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމުން އިމާދު އިސްތިއުފާ ދެއްވާފައިވަނީ މިއަދު އެވެ.
އިސްތިއުފާ ހުށަހަޅުއްވަމުން އިމާދު ވިދާޅުވީ އެމްއެމްއޭ އިން މި ފަހުން ނިންމި ނިންމުންތައް ނިންމީ މުއައްސަސާގެ އަސާސީ މަގުސަދާ ހިލާފަށް ކަމަށެވެ.
އިމާދު އިސްތިއުފާ ދެއްވިއިރު އޭނާ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއްވެސް އޮތީ ހުށަހަޅާފަ އެވެ.
ޑެޕިއުޓީ ގަވަރުނަރުކަމަށް އިމާދު އައްޔަންކުރީ މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރެވެ. އޭނާ އެމްއެމްއޭގައި ޚިދުމަތް ފެއްޓެވީ 2000 ވަނަ އަހަރުން ފެށިގެންނެވެ.
އެއާއެކު އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި ނެރުއްވި ބަޔާނުގައިވަނީ މި ފަހުން އެމްއެމްއޭއިން ނިންމައިފައިވާ ނިންމުންތަކަކީ އޭނާގެ ނަޒަރުގައި މުއައްސަސާގެ އަސާސީ މަޤްސަދުތަކާ ޚިލާފު ނިންމުންތަކެއް ކަމަށެވެ.
އަދި މިއަދު ރާއްޖޭގެ އިގްތިޞާދީ ހާލަތަށް އަލިއަޅުއްވައިލައްވަމުން އެ ބަޔާނުގައިވަނީ، ބޭރުގެ ދަރަނި އިތުރުވަމުން އައުމަކީ މެކްރޯ އިކޮނޮމިކް ހަމަޖެހުމަށް އެ ކަމުގެ ނޭދެވޭ އަސަރުކުރަމުން އަންނަ ކަމެއް ކަމަށް ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން މާލީ ސެކްޓަރުގައި ބޭންކުތަކުން ސަރުކާރަށް ދޫކޮށްފައިވާ ދަރަނީގެ ރިސްކު މަތިވެފައިވާކަމަށާއި، އެ ކަން ކުޑަކުރަން ޕްރޫޑެންޝަން ރެގިއުލޭޓަރީ ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ. އަދި އެކްސްޗޭންޖު ރޭޓުގެ ޕެގް ހިފެހެއްޓުމަށް ޓަކައި ހިފެހެއްޓިފައިވާ (ޓައިޓް މަނިޓަރީ) ފައިސާގެ ސިޔާސަތުތައް ގެންގުޅެން ލާޒިމުވެފައިވާ ކަމަށް ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ.
އޭނާ ވަނީ އެމްއެމްއޭގައި ހޭދަކުރެއްވި ދިގު މުއްދަތުގައި މުވައްޒަފުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކުރައްވައި ޝުކުރު ދަންނަވައިފަ އެވެ.