ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު / ސްކްރީން އިމޭޖް
ހަބަރު, ސިޔާސީ
ފަނޑިޔާރުން ސަސްޕެންޑްކުރި ގޮތުގެ މައްސަލަ އދ.އަށް ހުށަހަޅައިފި
Qudhrathullah Ameen
ގުދުރަތުﷲ އަމީން
17 މާރިޗު 2025
މާލެ ސިޓީ

ސަރުކާރުން ސުޕްރީމް ކޯޓުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރާ މައްސަލަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީހަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހެޅުއްވީ އެ ކޯޓުން ދާދިފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއްސުއޫދެވެ. ސުއޫދު އިސްތިއުފާ ދެއްވީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކަވާ ކަމަށް ބުނެ އެވެ.

އޭނާ އެދިވަޑައިގެންފައިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި މި މައްސަލައިގެ ތެރެއަށް ވަދެ، ފަނޑިޔާރުންނާ މެދު އަޅާފައިވާ ޣައިރު ދުސްތޫރީ ފިޔަވަޅު ބާތިލްކުރަން ސަރުކާރަށް ގޮވާލުމަށެވެ.

އެ އިދާރާތަކަށް ސުއޫދު ހުށަހެޅުއްވި މައްސަލާގައި ފަނޑިޔާރުން ސަސްޕެންޑްކުރި ގޮތާއި ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ގާނޫނަށް ގެންނަ އުޅުނު ބަދަލާ ގުޅޭ ތަފްސީލްތައް ހިމަނާފައިވެ އެވެ. އަދި ސަރުކާރުން އެ ފިޔަވަޅުތައް އަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ މެދު ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް ހުއްޓުވާލުމަށް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.

އަދި އެ ފަނޑިޔާރުން ސަސްޕެންޑު ކުރުމުގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށް ކުރަން މަޖިލީހަށް ބިލެއް ހުށަހަޅައި، ސަރުކާރު މެންބަރުންގެ ފުރިހަމަ ތާއީދާއެކު އެ ބިލު ފާސްކުރުމުގެ އިތުރުން އެހެނިހެން ގޮތްގޮތުން ވެސް ޝަރުއީ ދާއިރާގެ މިނިވަންކަމަށް ހުރަސް އަޅައި އެ ކޯޓުން ބަލަމުން ދިޔަ، ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ބޭރު ކޮށްލުމަށް އަންގައި ނުފޫޒު ފޯރުވި ކަމަށް ސުއޫދު ބުނެފައިވެ އެވެ.

ހުސްނުއްސުއޫދު ހުށަހެޅުއްވި މައްސަލައިގައި، މަޖިލިސް މެންބަރުންގެ މެންބަރުކަން ގެއްލުވައިލުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ބަލައިގަތުމާ ހަމައިން ދެން ކަންތައްތައް ވެގެންދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ލިޔުއްވާފައިވެ އެވެ.

ފަނޑިޔާރުކަމުން ސުއޫދު އިސްތިއުފާ ދެއްވާފައިވާއިރު، ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒުގެ މައްސަލަ ޖޭއެސްސީން ގެންދަނީ ބަލަމުންނެވެ. އެ ދެ ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރުކޮށް ބަޔާން ވެސް ވަނީ ނަގައިފަ އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރީ އެ ފަނޑިޔާރުންގެ ޖިނާއީ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ތަހުގީގު ކުރަމުންދާ ކަމަށް ބުނެ އެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ހާމައެއް ނުކުރެ އެވެ.


ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved