

ރާއްޖޭގެ ހޫނުމިން މަތިވެ "ހީޓް ސްޓްރެސް"އަށް ދިއުމުގެ ފުރުސަތު އެބައޮތްކަމަށް ހާމަކޮށްފިއެވެ.
މިފަދައިން ހާމަކޮށްފައިވަނީ މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓު އޮފީހުންނެވެ.
ރާއްޖެއަށް އަހަރުގެ ތެރޭގައި އެންމެ ހޫނު ގަދަވަނީ މާޗު މަހުގެ މެދުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ކަމަށާއި މި ދުވަސްވަރު ރާއްޖެ މަތީގައި ވިލާތައް ވެސް މަދުކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
މެޓުން ބުނީ މާޗު މަހުގެ މެދުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖެ ސަރަހައްދުގައި ވައި މަޑުވުމާއި އަދި ސީދާ ރާއްޖެއާ ދިމާ މަތީގައި އިރު ހުރުމުގެ ސަބަބުގެ އިތުރުން ވިލާތައް މަދުވުމުގެ ސަބަބުން ހީޓް އިންޑެކްސް މަތިވެފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއަށް އެންމެ ހޫނު ގަދަވާނީ މެންދުރުފަހު 1 އާއި 2 އާ ދެމެދު ކަމަށް މެޓުން ބުންޏެވެ. އަދި ވިދިވިދިގެން ގިނަ ދުވަހު މިފަ މިންވަރަކަށް ހީޓް އިންޑެކްސް މަތިނަމަ "ހީޓް ސްޓްރެސް" ކިޔާ ހާލަތު މެދުވެރިވާނެ ކަމަށް މެޓުން ހާމަކޮށްފައިވެއެވެ.
އެގޮތުން "ހީޓް ސްޓްރެސް" އަކީ ގަދަ ހޫނަށް ހަށިގަނޑުގެ ބަރުދާސްތީ ގާބިލުކަން ކުޑަވެގެން ދިއުމުގެ ހާލަތު ކަމަށްވާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެ ހާލަތު ރާއްޖެއަށް ވެސް މެދުވެރިވުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން ބުންޏެވެ.
އިރުވައި މޫސުމުގެ ދުވަސްތަކުގައި އެވަރެޖްކޮށް ދުވާލަކަށް 10-11 ގަޑިއިރާދެމެދަށް އަވިދެއެވެ. ކުރިއަށް އޮތް 24 ގަޑިއިރު އެންމެ ހޫނު ގަދަވާނެ ކަމަށް ލަފާކޮށްފައިވަނީ ހުޅުލެއަށެވެ. އެއީ 31 ޑިގްރީއެވެ.