ޢީދަށް ހަނދު ބެލުން މި މަހު 29 ގައި / ގަލްފް ޓައިމްސް
ހަބަރު
ޢީދަށް ހަނދު ބެލުން 29 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖައްސައިފި
Mariyam Isaadha
މަރިޔަމް އިސާދާ
17 މާރިޗު 2025
މާލެ ސިޓީ

ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާ މާޗު މަހުގެ 29 ވާ ހޮނިހިރު ދުވަހު ކުރިއަށް ގެންދާގޮތަށް ހަމަޖައްސައިފިއެވެ.

މި ގޮތަށް ހަމަ ޖެއްސިކަން ހާމަކޮށްފައިވަނީ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ކުރި އިއުލާނެއްގައި އެވެ.

އެ އިއުލާނުގައިވާ ގޮތުގައި އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މި އަހަރުވެސް ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގައި ކަމަށެވެ.

އަތޮޅު ތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައި ކަމަށް ވިދާޅުވެފައިވާއިރު، މެޖިސްޓްރޭޓެއް ގާއިމުވެ ނެތް ރަށެއްގައިނަމަ އެ ވަގުތަކު އެ ރަށުގެ ރަށު ކައުންސިލްގެ އިދާރާ ހިންގެވުމާއި ޙަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަަށްވެސް ވިދާޅުވިއެވެ.

ހަމައެހެންމެ ހަނދު ފެނިގެން އެ މަޢުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދުހުރި އުސްމިނާއި، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ޝައްވާލް މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެ ދުވަހުގެ ހަވީރު 5:30 ން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށް ހާމަކޮށްފައި ވެއެވެ.

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑީޖޭއޭއަށް، ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ޤާޢިމުވެ ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ހާޒިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް އެދިފައި ވެއެވެ.

ހެކިބަސް އަދާކުރުމަށްޓަކައި އައުމާއި، ދިއުމުގެ ހަރަދު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މާޗު މަހުގެ 31 ވަނަ ދުވަހެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved