

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެ ތަނުގައި ބައިބަލާ ކުޅޭ ތަނެއް ހެދި މައްސަލާގައި ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން މާލޭ ސިޓީ ކައުންސިލުން އެ ތަން ނަގައިފި އެވެ.
މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެތަން ހުސްކުރުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެއިރު ކައުންސިލުން ވަނީ އެ މަސައްކަތް ދެ މަހާއި 15 ވަރަކަށް ދުވަސް ތެރޭގައި ނިމޭނެ ކަމަށް ބުނެފައެވެ.
އެތަނުގައި ގަބުރުތައް ނަގައިގެން، ބައިބަލާ ކޯޓެއް ހަދާފައިވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، ފޮޓޯއާ އެއްކޮށް އެކަން އިއްޔެ ހާމަކުރީ ތާރީޚު ދިރާސާކުރައްވާ މުހައްމަދު ނާޖިހެވެ.
އެ ފޮޓޯއިން ވަށައިގެން ވެލި ބަސްތާ ޖަހަގައިގެން ބައިބަލާ ކުޅެެން ޚާއްސަކޮށް ކޯޓެއް ހަދާފައިވާ މަންޒަރު ފެނެއެވެ. އެކަމާ ގުޅުވައި ގިނަ ބަޔަކު އައީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ.
އެ މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށް، މިހާރު މާފަންނު ސަހަރާގައި ބައިބަލާ ޕްރެކްޓިސް ކުރަން ހެދި ތަން ވަނީ އެއްކޮށް ނަގައިފަ އެވެ.
ގިނަ ބަޔަކު އެ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަން ފެށުމުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާފަންނު ސަހަރާ ހުރި ބިމުގައި ކުޅިވަރު ކުޅޭ ތަނެއް ހަދައިގެން ބަޔަކު އުޅެނީ ސިޓީ ކައުންސިލުގެ ހުއްދައާ އެކު ނޫން ކަމަށާއި އެކަން ހުއްޓުވާނެ ކަމަށެވެ.
އާސަހަރާ ހަދައި، މާލޭގެ އެހެން އަވަށްތަކުގައި ހުރި ގަބުރުސްތާނުތަކުގައި މީހުން ވަޅުލުން ހުއްޓާލީ 90 ގެ ފަހުކޮޅުގަ އެވެ. މާފަންނު ސަހަރާއަކީ ރާއްޖޭގެ ތާރީހުގެ ވެސް މުހިންމު ތަރިކައެކެވެ.