

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި މިހާތަނަށް ހުންނެވި ހުސައިން ޝަހީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީގެ ދާއިރާ އިން މާސްޓާސް އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލްއެލްބީ ހާސިލް ކުރައްވައިފައިވާ ޝަހީދު އެ މަގާމަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ 64 މެންބަރުންގެ އިއްތިފާގުންނެވެ.
އެއާއެކު މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި މަގާމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ޝަހީދާ ހަވާލުކުރައްވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހުސްވީ މިދިޔަ މަހުގެ 26އިން ފެށިގެން ސަސްޕެންޝަންގައި ހުންނެވި ފަނޑިޔާރު ހުސްނުއްސުއޫދު މިމަހުގެ ހަތަރު ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި ޑރ. އަޒްމިރަލްދާ ޒާހިރާއި އާއިޝާ ޝުޖޫން މުހައްމަދާއި މަހާޒު އަލީ ޒާހިރާއި އަލީ ރަޝީދު ހުސައިން އަދި ޑރ. މުހައްމަދު އިބްރާހީމެވެ.
މީގެ ތެރެއިން ފަނޑިޔާރު އަޒްމިރަލްދާ އާއި މަހާޒު ވަނީ ސުލޫކީ މައްސަލަތަކެއްގައި މިހާރު ސަސްޕެންޑު ކޮށްފަ އެވެ.