

މި ސަރުކާރާއި ސަހްޔޫހީންގެ ސަރުކާރާއި އޮތީ ކޮންމެވެސް ގޮތަކަށް ބަނދެވިފައިކަމަށާ އެކަމުގެ ސަބަބުން ސަހްޔޫނީންގެ ޕާސްޕޯޓް ކަންތަށް ނުކުރެވިގެން އުޅެނީ ކަމަށް ރައީސް އަބްދުﷲ ޔާމީން ތުހުމަތުކުރައްވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަހްޔޫނީން ޣައްޒާ ނިކަމެތި މުސްލިމުންނާ މެދު ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށްލުމުން ނުފުދޭ ކަމަށާ ރަސްމީ ފެންވަރުގައި ޚާރިޖީ ވަޒީރު އެ ގައުމަށް ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅަކާ އެކު ފޮނުވާ އެ ހަނގުރާމައާ ލާއިންސާނީ އަމލުތައް މިހާރުން މިހާރަށް ހުއްޓާލަން ގޮވާލަން ދިވެހި ސަރުކާރުން ޖެހޭ ކަމަށެވެ.
ނަމަވެސް އެކަން ވެދާނެކަމާ މެދު ޝައްކު އުފައްދަވާ ރައީސް ޔާމީން ވިދާޅުވީ ސަހްޔޫނީންނާ މި ސަރުކާރާ ގުޅުމެއް އޮތް ކަމަށް ތުހުމަތު ކުރައްވާކަމަށެވެ. އަދި އެކަންކަމުގައި ބަނދެވިފައި ދިވެހި ސަރުކާރު އޮތުމުން ސަހްޔޫނީންގެ ޕާސްޕޯޓު މަނާކުރުމުގައި ސަރުކާރުން ފަހަތު ފަޔަށް ބުރަ ވަނީ ކަމަށް ވެސް ރައީސް ޔާމީން ތުހުމަތު ކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް ސަހްޔޫނީން ކުރިމަތި ކުރުވަމުން ގެންދާ ތުރާލާ ޖެއްސުމާ އަދި ކުރަމުންދާ އަނިޔާއާ ދެކޮޅަށް، މުސްލިމު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެ ވެސް އަޑު އުފުލަން ޖެހޭ ކަމަށާ ނަމަވެސް މިހާރު ފެނިގެން ދަނީ ޣައްޒާގެ މައްސަލަގައިވެސް ރައީސް މުއިއްޒު ހިޕޮކިރިސީ ގެންގުޅުއްވާ މަންޒަރުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، ދިވެހިންގެ ފަރާތުން އެކަންކަން ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރިކުރައްވާ ކަމަށެވެ.
ޣައްޒާގެ މައްސަލައިގައި ދިވެހި ވެރިންގެ ހެޔޮ ނިޔަތެއް ނެތްކަމަށް ރައީސް ޔާމީން ތުހުމަތުކުރައްވާފައިވެސް ވެއެވެ.އެމަނިކުފާނު ވިދާޅުވީ އިޚްލާސްތެރިކަމެއް އޮތް ނަމަ ސަހްޔޫނީންގެ ޕާސްޕޯޓު ރައީސް މުއިއްޒު މަނާ ކުރެއްވީސް ކަމަށެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް މުއިއްޒާ ނިރުބަވެރި ސަހްޔޫނީންގެ ޖައްބާރު ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއާ ގާތް ގުޅުމެއް އޮންނަކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އެގޮތުން ނަތަންޔާހޫ ވަނީ އޭނާގެ ޒައެނިސްޓް ސަރުކާރުން ރާއްޖެއަށް މެދުއިރުމަތީ ގައުމެއް މެދުވެރިކޮށް އެހީދޭން ނިންމާފައި ކަމަށާ އެކަމާ ގުޅިގެން ރައީސް މުއިއްޒު ޖައްބާރު ނަތަންޔާހޫއަށް ފޯނުން ގުޅާ ޝުކުރު އަދާކޮށްފައިވާ ކަމަށް ވެސް އަޑުތައް ފެތުރިފައިވެއެވެ.
ހަމައެހެންމެ ސަހްޔޫނީންގެ ޕާސްޕޯޓު މައްސަލައިގެ ބިލު ޕިއެންސީގެ މެޖޯރިޓީ އޮތް މަޖިލީހުގައި ތާށިކޮށްފައި އޮންނަތާ 300 ދުވަސް ވާން ވަނީ ގާތްވެފައެވެ.