

ހައްޖު ކޯޕަރޭޝަންގެ ކިޔޫގައި މިއަހަރު ތިބި ހުރިހާ ފަރާތްތަކަށް ހައްޖަށް ދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިކަން ރައީސް ހާމަކުރެއްވީ ދެންމެ އެމަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
2025 ގައި ހައްޖަށް ދެވޭނެ ކަމަށް ކޯޕަރޭޝަނުގެ ކިއުގައި ތިބި އެންމެހައި ފަރާތްތަކަށް މިއަހަރު ހައްޖަށް ދެވޭނެ. އިންޝާ ﷲ،
އަދި މީގެ އިތުރުން ރައީސް ފާހަގަކުރައްވާފައިވަނީ މިއީ ޒަމާންތަކަކަށްފަހު، އެއަހަރެއްގައި ކިއުގައި ޖެހިފައިތިބި އެންމެނަށް އެއަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަމަށެވެ.
ކުރިން ޙައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުޞަތެއް ދެވޭނީ، އެންމެ ފަހުން ޙައްޖުގެ އަޅުކަން އަދާކުރިތާ ހިޖުރީ ސަނަތުން 5 އަހަރު ވުމުން ކަމަށްވެސް އުޞޫލުގައިވަނީ ބަޔާންކޮށްފަ އެވެ.
ހައްޖު ކޯޕަރޭޝަނުން މީގެ ކުރިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި މިހާރު އެ ކޯޕަރޭޝަން މެދުވެރިކޮށް ހައްޖުގެ އަޅުކަން އަދާކުރުމަށް ކިޔޫގައި 9115 މީހުން އެބަތިއްބެވެ. މީގެ ތެރޭގައި 65 އަހަރުން ދަށުގެ 7543 މީހުންނާއި 65އަހަރާއި 75 އަހަރާ ދެމެދުގެ 1461 މީހުން އަދި 75 އަހަރުން މަތީގެ 111 މީހުން އެބަތިއްބެވެ.
މިހާރު ކިޔޫގައި ތިބި މީހުންގެ ތެރޭގައި އަލަށް ހައްޖަށް ދިއުމަށް އެދިފައިވަނީ 8623 މީހުންނެވެ. އެއީ 65 އަހަރުން ދަށުގެ 7150 މީހުންނާއި 65 އަހަރާއި 75 އަހަރާ ދެމެދުގެ 1370 މީހުން އަދި 75 އަހަރުން މަތީގެ 103 މީހުންނެވެ.