ރައީސް ޑރ. މުއިއްޒު / ރައީސް އޮފިސް
ހަބަރު
މިނިވަން ތަހުގީގެއް ބޭނުން: ރައީސް މުއިއްޒުގެ ދޮގު ހެކިބަހުން ނޫމަޑިއަށް ލިބުނު 848 މިލިއަން ރުފިޔާ
Qudhrathullah Ameen
ގުދުރަތުﷲ އަމީން
25 މާރިޗު 2025
މާލެ ސިޓީ

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ދޭން ޖެހުނީ އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކުރެއްވި ގޮތުން ކަން ހާމަވާ އިތުރު ސިޓީއެއް އަނެއްކާ ވެސް ހާމަވެއްޖެ އެވެ.

ނޫމަޑި ރެސިޑެންސް އެންޑް ރިސޯޓްއަށް ބަދަލުދޭން ނިންމިކަން އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެންގި ސިޓީ ވެސް މިފަހުން ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައި އެވެ.

ނޫމަޑިން ނެދަލޭންޑްގެ ދަ ހޭގްގައި ހުންނަ ކޯޓް އޮފް އާމިޓްރޭޝަނަށް ހުށަހެޅި މައްސަލާގައި ދިވެހި ސަރުކާރާ އެއްކޮޅަށް ބަޔާން ދިނުމަށްފަހު ފަހުން މުއިއްޒު ވަނީ ނޫމަޑީގެ ހެކިވެރިޔަކަށްވެ ކުރިން ދިން ބަޔާން ބަދަލުކޮށް އެ ކުންފުނީގެ ދިފާއުގައި ބަޔާންދީފަ އެވެ. މިކަމުގެ ސަބަބުން ދައުލަތުން ނޫމަޑިއަށް ބޮޑު ބަދަލެއް ދޭންޖެހުނެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ އެ ސިޓީން ހާމަވާ ގޮތުގައި ނޫމަޑީގެ %24 ހިއްސާ އޮންނަ އަނޯން ކުރީގެ ރައީސް ސޯލިހް އަށް ފޮނުވި ކަމަށް ބުނާ އެ ސިޓީގައި ބުނާ ގޮތުން މުއިއްޒު ދިން ބަޔާނަކީ އިންސާފުވެރި ބަޔާނެތް ނޫން ކަމަށް ބުނެފައިވެ އެވެ . އަދި މުއިއްޒު ބޭނުންވީ "ފައިސާ" ކަމަށް ބުނެފައިވެ އެވެ. އަދި ދިވެހި ސަރުކާރަށް ލިބެންއޮތް ހުރިހާ ލުއިތަކެއް ބަންދުވީ މުއިއްޒުގެ ބަޔާޏުން ކަމަށް ބުނެފައިވެ އެވެ.

މި ސިޓީއާއި ގުޅިގެން ރައީސް ސޯލިހްގެ ސަރުކާރުން ވެސް މިހާތަނަށް ވާހަކަ ދައްކާފަ އެއް ނުވެއެވެ. ނަމަވެސް ނޫމަޑި ބަދަލު ދޭން ޖެހުނީ މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި އަމަލުކޮށްފައިވާ ގޮތުން ކަމަށާއި ކޯޓުން ބޭރުގައި ހައްލުކުރުމަކީ މި މައްސަލައިގައި ދައުލަތަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ސޯލިހު ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. ނޫމަޑި މައްސަލައިގައި ޑރ، މުއިއްޒު އޭސީސީ އަދި ޕޮލިސް އަށް ވަރަށް ގިނައިން ހާޒިރުކުރި އެވެ.

ނޫމަޑިއާ އެކު ހެދި އެއްބަސްވުން އުވާލުމުން ދައުލަތުން ބަދަލުދޭން ޖެހުނު މައްސަލައިގެ ތަހުގީގަށް މުއިއްޒު ފުރަތަމަ ޕޮލިހަށް ހާޒިރުކުރީ 2020 ވަނަ އަހަރު ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ. އަދި މުއިއްޒު ފުލުހުންގެ އިދާރާއަށް ހާޒިރުވާން ދެވަނަ ފަހަރު ޗިޓް ފޮނުވީ 2020 ވަނަ އަހަރުގެ ޖޫން 11 ވަނަ ދުވަހު އެވެ.

ސުވާލަކީ ނޫމަޑިއަށް ބަދަލު ދޭން ޖެހުނު މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ބޮޑު އިހުމާލެއް އޮތް ކަމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ފާސްކޮށް، ކުރީގެ ބަންޑާރަ ނައިބުގެ އޮފީހުން އެ މައްސަލަ ޖިނާއީ ތަހުގީގު ކޮށްދޭން ފުލުހުންގެ ކިބައިން އެދުނުއިރު، މުއިއްޒުއާ ދެކޮޅަށް ފުލުހުން ހިންގި ޖިނާއީ ތަހުގީގު ރިޕޯޓް މިއަދު ކޮބާ ހެއްޔެވެ.؟ ގެއްލުނީ ހެއްޔެވެ؟

އަދި އެއް ވާހަކަ އެވެ.

ނޫމަޑީގެ މައްސަލައިގައި ދައުލަތުގެ ހުއްޖަތް ބަލިކަށިވީ އާބިޓްރޭޝަންގައި މުއިއްޒު ދެއްވި ބަޔާން ބަދަލުކުރުމުގެ ސަބަބުން ކަމަށް ބުނެ ނޫމަޑިއާ ގުޅޭ ހާއްސަ އޮޑިޓެއް، އޮޑިޓް އޮފީހުން ކުރި އެވެ. މި އޮޑިޓް ކޮބާ ހެއްޔެވެ.؟ ގެއްލުނީ ހެއްޔެވެ؟

ސޯލިހު ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލާގައި ކުރީގެ ރައީސް ސޯލިހު އަދި މިނިސްޓަރު ފައްޔާޒުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލަށް އޮފީހުން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ ތަހުގީގުގެ އަޑު ވަރަށް މަޑެވެ. އެއީ މިނިވަން ތަހުގީކަކުން ފާޅުވާނީ މުއިއްޒު ދިވެހި ދައުލަތަށްވި ބޭއިންސާފާއި ނޫމަޑިއާއިއެކު ހެއްދެވި "ޑީލް" ކަމަށް މި މައްސަލައިގެ ދިރާސާ ވެރިން އެދަނީ ވިދާޅުވަމުން ނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved