

ގިނަ އަދަދެއްގެ ޑިއުޓީ ފްރީ ސިނގިރޭޓް ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ރޭ ދެ މީހުން ހައްޔަރުކޮށް، މިއަދު ކޯޓަށް ގެންދިޔުމުން ޝަރުތުތަކާ އެކު ވަނީ ދޫކޮށްލައިފަ އެވެ.
ޑިއުޓީ ފްރީ ސިނގިރޭޓު ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ކޯޓުން ދޫކޮށްލީ މ. ސިލްވާ ނެސްޓް، އަހުމަދު އަފްސަލް، 45 އަދި ދަފްތަރު ނަންބަރު ރސ 14358، މާލެ ޔޫސުފް ނަޒީރު، 38 އެވެ.
އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރިއިރު، އޭގައި ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލައެއް ކަސްޓަމްސް އިން ފުލުހުންނަށް ހުށަހެޅީ އިއްޔެ އެވެ.
ގިނަ އަދަދެއްގެ ސިނގިރޭޓު އެތެރެކުރަން އުޅުނު ކަމަށް ބުނި ނަމަވެސް ސީދާ ވަކި އަދަދެއް ފުލުހުން ބުނެފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
މި ސަރުކާރުން ދުންފަތާ ދެކޮޅަށް އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސިނގިރޭޓުން ނަގައި ޑިއުޓީއާއި ފީތައް ވެސް ބޮޑުކޮށްފައިވާއިރު ސިނގިރޭޓުގެ އަގު ވަނީ ދެގުނަ ބޮޑުކޮށްފަ އެވެ. މިއާއެކު ސިނގިރޭޓާ ގުޅުންހުރި ގިނަ މައްސަލަތަކެއް އަންނަނީ ރިޕޯޓް ކުރަމުން ނެވެ. އެގޮތުން ވަގަށް ސިނގިރޭޓު ބޭރުކުރަން މަސައްކަތް ކުރުމުގެ އިތުރުން, މާލޭގައި އުފައްދައިގެން ވިއްކާ ސިނގިރޭޓުތަކެއްގެ މައްސަލަ ވެސް ފެންމަތިވި އެވެ. އެ މައްސަލައިގައި އަތުލައިގަނެވުނު 49,000 ސިނގިރޭޓު ނައްތާލާއި އެ ކަން ކުރި ކުންފުނި އުވާލަން ވަނީ ނިންމާފަ އެވެ.