

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލްގެ މޫނު މަތީގައި ދިވެހިވަންތަކަން ގެއްލޭގޮތަށް ކަދުރު ރުއް އިންދުމުން ސަރުކާރަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
އާ ޓާމިނަލް ކައިރީގައި ގަސް އިންދުމުގެ ހަރަކާތްތައް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން އަންނަނީ ކުރަމުންނެވެ.
އެ މަސައްކަތްތަކުގެ ތެރެއިން އެންވަޔަރަމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމާއި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ގަސް އިންދަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން، ބޮޑެތި ކަދުރު ރުތައް އެ ސަރަހައްދުގައި އިންދާފައިވާ މަންޒަރު ފެނެއެވެ.
އެކަމަށް ފާޑުކިޔާ ދިވެހި ތާރީޚު ދިރާސާކުރައްވާ އަހުމަދު އަލާ ދީދީ ވިދާޅުވީ ގައުމުގެ ރަމްޒަކީ ދިވެހި ރުއް ކަމާއި ބޭރުގައި ރާއްޖެ ސިފަކުރަނީ ވެސް އެ ރުކުންކަމަށެވެ.
ކުޅަދާނަ ލިޔުންތެރިޔާ، މުހައްމަދު އާދަމް ސަލީމް ވެސް އެ މައްސަލައާ ގުޅުވައި ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަނީ މިއީ 'މޯލްޑިވްސް'އަށް ވީމަ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ބާނީން ތަރައްގީކުރައްވާފައިވާ ރިސޯޓުތަކަށް ބަލާއިރު ވެސް ފެންނާނީ ދެވެހި ރުއް ކަމަށާއި އެއީ އެ މީހުން ވެސް އިޝްތިހާރުކޮށް ވިއްކަނީ 'މޯލްޑިވްސް'އަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ބަސްކުރިއަރުވާ ތާރީހަށް ލޯބި ކުރައްވާ ޝަމްއޫނު ޖަލީލް (ލޫކަސް) ވެސް ވަނީ ރާއްޖެ އަންނަ ފަތުރުވެރިން އަންނާނީ ރާއްޖޭގެ ތަފާތުކަން ދެކެން ކަމަށާއި، ދުބާއީ އެއާޕޯޓުން ފުރައިގެން ދުބާއީގެ މަލަމަތި ދެކޭކަށް އެ ބަޔަކު ނާންނާނެކަން ފާހަގަކޮށްފަ އެވެ.
ދިވެހި ބަހާއި ސަގާފަތާއި އާދަކާދަ ކުރި އެރުވުމުގެ ވައުދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ސަގާފަތަށް އިސްކަން ދެއްވާލެއް ކުޑަ ކަމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ.